ށ. ކޮމަންޑޫ ކައިރީގައި އޮންނަ ދިގުވެލިދޫގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އުތުރުގެ ހަތަރު އަތޮޅަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. ކޮމަންޑޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެންމެ ބޮޑު މަޝްރޫއަކީ ކޮމަންޑޫގެ ރައްޔިތުން އެންމެ ގިނަ ޒަމާންވަންދެން އުންމީދުކުރާ މަޝްރޫއު ކަމަށާއި އެއީ ދިގުވެލިދޫގައި އެއާޕޯޓެއް އަޅާއިދިނުން ކަމަށެވެ. އަދި އެއީ ކެމްޕެއިންގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުފުޅުގެ ތެރޭގައި ހިމެނޭ މުހިއްމު ވައުދެއ ކަމަށާއި އެ ވައުދުވީ ގޮތަށް އެކަންކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ރަށުުގެ ތަރައްގީއަށް ފެށިފައި ހުރި ގިނަ މަސައްކަތްތަކާއި ކުރަން ޖެހިފައި ހުރި މުހިއްމު ކަންތައްތަކެއްވެސް އެބަ ހުރި ކަމަށާއި އެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫއުތައް ކުރިއަށް ގެންގޮސް ރައްޔިތުން އެދޭ ގޮތަށް އެ ރަށުގެ ތަރައްގީ ކަންކަން ފުރިހަމަކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރައީސް ވިދާޅުވީ ކޮމަންޑޫއަކީ ވަރަށް ބޮޑަށް ބައިބޯވެފައި އޮތް ބިން ކުޑަ ވަރަށް ތޮއްޖެހިފައި އޮންނަ ރަށެއް ކަމަށާއި އެކި ކަހަލަ މަޝްރޫއުތައް ހިންގާތާ ގިނަ އަހަރުތަކެއްވީ ނަމަވެސް އެކަށީގެންވާ ގޮތެއްގައި ރައްޔިތުން އެދޭ ފެންވަރުގައި ތަރައްގީއެއް ހާސިލެއް ނުކުރެވޭ ކަމަށެވެ. އަދި ދާއިމީ ހައްލުތަކެއް ނާންނަ ކަމަށާއި އެގޮތުން ބަލާއިރު އެންމެ ބޮޑަށް ދަތިވަނީ ބިމުގެ ޖާގައާއި ގެދޮރުވެރިކަމުގެ މައްސަލަ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ކަމަކީ އަދި ހަމަ ހައްލު އަންނަން ޖެހިފައި އޮތް ކަމެއް ކަމަށާއި ހަމައެއާއެކީގައި ސީވޯލް މަޝްރޫއާއި ބަނދަރުގެ ބޭރު ތޮއްޓާ ބަނދަރުގެ ބޮޑުކުރުމުގެ މަޝްރޫއާއި ފެނާއި ނަރުދަމާގެ މަޝްރޫއުގައި ބޮޑެތި މައްސަލަތައްވެސް ހައްލުކުރަން ޖެހިފައިވާ ކަމަށެވެ. އަދި ވަރަށް ގިނަ ކަންތައްތައް ފެށިފައި ހުރި ނަމަވެސް އެއްވެސް ކޮޅެއްގައި ނުޖެހި މެދުކެނޑިފައިވާ ކަމަށާއި އެކަންކަމަށް ދާއިމީ ހައްލެއް ގެނެސްދިނުން އެއީ އެންމެ ބޮޑު އުންމީދަކަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުުރުން މަތިކޮމަންޑޫއާ ގުޅާލުމަށްޓަކައިވެސް އެއީ ވެސް ހަމަ ހަގީގަތަކަށް ވާން އެދެމުންދާ އެހެންނަމަަވެސް ހަގީގަތަކަށް ނުވާ މަޝްރޫއެއް ކަމަށާއި އެ ފަދަ ހުރިހާ ކަމެއް މި އަހަރުގެ ތެރޭގައި ކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާޅާ އަޅާ ސަރަހައްދު ހިމާޔަތްކުރުން މަސައްކަތްވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިއްހީ ނިޒާމަށް ކުޑަކުދިންގެ ޑޮކްޓަރާއި އެހެނިހެން ޑޮކްޓަރަކު ހޯދުމާއި ހިދުމަތްތައް އިތުރުކުރުމާއި ތައުލީމީ ނިޒާމް ވަރުގަދަ ކުރުމަށް ސްކޫލްގެ މަޝްރޫއުއާ މަސްވެރިކަމުގެ ދާއިރާއިން އައިސްޕްލާންޓްގެ މަސައްކަތްވެސް ހުރި ކަމަށެވެ. އަދި އަބަދާ އަބަދު އެކަންކަންވުމުގެ އުންމީދުގައި ތިބުމުގެ ބަދަލުގައި ކަންކަން ނިންމަދީ ނަތީޖާ ނެރެދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަޝްރޫއުތައް ހިންގާއިރުގައި ރައްޔިތުންނާ މަޝްވަރާކުރެވިގެން ކަންކަން ކުރުމަކީ މި ސަރުކާރުގެ މުޅި ސިޔާސަތު ބައްޓަން ކުރާ ގޮތް ކަމަށާއިކައުންސިލްތަކާ ގާތުން މަސައްކަތް ކުރަން ބޭނުންވަނީވެސް ކައުންސިލްތައް ހޮވާފައި އޮންނަނީ ރައްޔިތުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރާ ހިއްސާކުރުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ މިއަދު ކައުންސިލް ބައްދަލުވުމުގައި މައުލޫމާތު ލިބުނީ މަތިކޮމަނޑޫ ގުޅާ ބްރިޖްގެ މަސައްކަތް ފެށަން ކަނޑައެޅީ އެންމެ ރަނގަޅު ހިސާބަކުން ނޫން ކަމަށާއި އެކަމުގައި ކައުންސިލްގެ މާ ބޮޑު ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި ރައީސް ވިދާޅުވީ ކިތަންމެ ތަފްސީލުކޮށް ޑިޒައިން މަސައްކަތްތައް ކުރީގައި ކޮށްފައި އޮތް ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައިގެން މަޝްރޫއުތަކަށް ބަދަލުތަކެއް ގެންނަން ބޭނުންވާނަމަ އެކަން ކުރަން ބޭނުންވާ ކަމަށެވެ. އެއީ ދާއިމީ ގޮތެއްގައި އެ ރަށެއްގެ ބޭނުން ހިފައިން ތިބޭނީ އެ ރަށެއްގެ ރައްޔިތުން ކަމަށްވާތީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.