ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސްކޮށް ކުރިއަށް ގެންދިއުމަށްޓަކައި އެމްޓީސީސީއިން ދުވާލަކު އެއް ހެކްޓަރު ހިއްކޭ ޑްރެޖަރެއް ރާއްޖެއަށް ގެނެސްފިއެވެ.

އެމްޓީސީސީއިން ރޭގެ ވަގުތެއްގައި ބެލްޖިއަމްގެ ކުންފުންފުންޏެއްގެ ޑްރެޖަރެއް ކަމަށްވާ "ފިލީޕޯ ބްރޫނެލޭޝީ" ރާއްޖެއަށް ގެނެސްފިއިވާއިރު އެ ޑްރެޖަރު ބޭނުން ކޮށްގެން މިއަދު ބިން ހިއްކަން ފަށާނެއެވެ.

"ފިލީފޯ ބުރޫނެލޭޝީ"ގެ ފުޅާ މިނުގައި 27.5 މީޓަރު، ދިގުމިނުގައި 142.5 މީޓަރު ހުންނައިރު އެ ޑްރެޖަރުގައި 11،300 ކިއުބިކް މީޓަރުގެ ހޮޕަ ކެޕޭސިޓީ ހުރެއެވެ.

މި ޑްރެޖަރުން ހިއްކުމަށް ހަމަޖެހިފައިވާ ނުވަ ރަށް:

  • ހއ. އިހަވަންދޫ
  • ށ. ކޮމަންޑޫ
  • އއ. އުކުޅަސް
  • އއ. ބޮޑުފޮޅުދޫ
  • ރ. އުނގޫފާރު
  • މ. ދިއްގަރު
  • ފ. ފީއަލީ
  • ކ. ދިއްފުށި
  • ކ. ގުޅި

މިހާރު އެމްޓީސީސީގައި ބޭނުން ކުރަމުންދާ މަހާ ޖައްރާފަށް 4 ދުވަހުން ހިއްކޭ ސަރަހައްދު "ފިލީޕޯ ބްރޫނެލޭޝީ" އެއް ދުވަހުން ހިއްކޭނެއެވެ. އެހެންކަމުން މި ޑްރެޖަރާއެކު ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސްވެގެންދާނެއެެވެ.

މި ޑްރެޖަރު ބޭނުންކޮށްގެން އެންމެ ފުރަތަމަ ހިއްކުމަށް ހަމަޖެހިފައި ވަނި ހއ. އިހަވަންދޫއެވެ. އަދި އެއަށްފަހު ކޮމަންޑޫއެވެ. ދުވާލަކު ހެކްޓަރެއް ހިއްކޭ މި ޑްރެޖަރު "ފިލީޕޯ ބްރޫނެލޭޝީ" އަކީ 2003 ބަނދެފައިވާ އުޅަނދެކެވެ.