މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށްޓަކައި ތަރައްގީ ކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ފަތުރުވެރިންނަށް ވެސް ހާއްސަ މަންޒިލަކަށް ވެއްޖެ ކަމަށް އާބަންކޯއިން ބުނެފިއެވެ.
އާބަންކޯއިން ބުނީ، މާލެ ސަރަހައްދުގައި ޕިކްނިކް އައިލެންޑެއް ވަކިން ހިއްކާ، މަސައްކަތައް ފެށިތާ މިހާރު ކުޑަ ދުވަސްކޮޅެއް ވެފައިވާއިރު، ކުޑަގިރި އަކީ އާއްމުންގެ މެދުގައި މިހާރުވެސް ހަފުތާ ބަންދުތަކުގައި އާއިލާ އާއި ރަހުމަތްތެރިންނާއި އެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރުމަށް މަގުބޫލު ރަށެއް ކަމަށެވެ.
އާބަންކޯއިން ބުނީ، ދިވެހިންނަށް ހިލޭ ދަތުރު ދިއުމަށް ކަނޑައެޅިފައިވާ ކުޑަ ގިރި ޕްލޭން ކޮށްފައިވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ބޭރު މީހުންނާއި ފަތުރުވެރިންނަށް ވެސް ކުޑަ ފީ އެއް ދައްކައިގެން އެ ރަށް ބޭނުން ކުރެވޭގޮތަށް ކަމަށެވެ.
މާލެ ސަރައްދުގެ ގިނަ ރަށްތަކެއްގައި މިހާރު ގެސްޓް ހައުސްތައް އެކި ފެންވަރުގައި ހިންގަމުން ދާއިރު، މިހާރުވެސް މާލެ ސަރަހައްދުގެ ގިނަ ގެސްޓް ހައުސްތަކުން ފަތުރުވެރިން ކުޑަގިރިއަށް ޑޭ ޓްރިޕް ގެންދާ ކަން އާބަންކޯއިން ފާހަގަކުރެއެވެ. މިކަމުގެ ފަތުރުވެރިންނަށް އާ މާހައުލެއްގައި ގިނަ ހަރަކާތްތަކެއްގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާ ކަމަށް އާބަންކޯއިން ބުނެއެވެ.
ގަވައިދުން ހުޅުމާލެއިން ކުޑަގިރިއަށް ކޮންމެ ދުވަހަކުވެސް ކަނޑައެޅިފައިވާ ގަޑިތަކުގައި ފެރީ ދަތުރު މިހާރު ކުރަމުންދާއިރު ކުޑަގިރިއަށް ދިއުމަށާއި ވަސީލަތްތައް ބޭނުން ކުރުމަށް ގިނަ ފަސޭހަތަކެއް ގެސްޓް ހައުސް ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.
އަބަންކޯގެ އަމާޒަކީ ކުޑަގިރިން އާއްމުންނަށް ދެމުންގެދާ ހިދުމަތްތައް އަދިވެސް އިތުރުކޮށް ފަތުރުވެރިކަމުގެ ސިނާޔަތް ކުރިއެރުވުމަށް މިފަދަ ގެސްޓް ހައުސް ވިޔަފާރިތަކަށް ވެސް ގިނަ ލުއިތަކެއް ހޯދައިދިނުން ކަމަށް އެކުންފުނިން ބުނެއެވެ.
ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ރަށަށް ދަތުރުކުރުމާއި އަދި ރަށަށް އެރުމަށް ފީއެއް ނަގައެވެ. އެގޮތުން ދެކޮޅު ފެރީ ދަތުރާއި އެންޓްރެންސް ފީއަށް ބޮޑު މީހެއްގެ އަތުން 100 ރުފިޔާ ނަގައެވެ. އަދި 2އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް 50 ރުފިޔާ ނަގައެވެ. 2 އަހަރުން ދަށުގެ ކުދިންނަކަށް ފީއެއް ނުނަގާނެއެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްގީ ކޮށްފައި ވަނީ އާންމުން ބޭނުން ކުރުމަށްޓަކައި ގިނަ ވަސީލަތްތަކެއް ހިމަނައިގެންނެވެ. އޭގެތެރޭގައި ޑޭ ޔޫސްގެ ގޮތުގައި 12 ކޮޓަރި، އާންމުން ބޭނުން ކުރުމަށް 13 ކުޑަ އަށްޓާއި ހަތަރު ބޮޑު އަށި، މިނީ ފުޓްބޯޅަ، ވޮލީ، އަދި ބާސްކެޓް ކޯޓުތައް، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭ އޭރިއާ އަދި އެއް ޑައިވް މަރުކަޒުގެ އިތުރުން މޫދު ކުޅިވަރު މަރުކަޒެއް ހިމެނެއެވެ.
އަށީގެ އަގުތަކަށް ބަލާއިރު ދުވަހެއްގެ އެއްބަޔަށް ކުޑައަށި ނަގާނަމަ 250 ރުފިޔާ، އަދި މުޅި ދުވަހަށް ނަގާނަމަ 500 ރުފިޔާއަށެވެ. ބޮޑު އަށްޓެއް ސާޅީހަކަށް މީހުންގެ ގްރޫޕަކަށް ބޭނުން ކުރެވޭނެއެވެ. މި އަށި ވަކި ގްރޫޕަކުން އެއްކޮށް ނަގާނަމަ ބައި ދުވަހަށް 650 ދައްކަން ޖެހޭނެއެވެ. އަދި މުޅި ދުވަހަށް ނަގާނަމަ ދައްކަން ޖެހޭނީ 1200 ރުފިޔާއެވެ.
މާލެ އާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ނިންމީ ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދާނެ ވައުދުތަކުގެ ދަށުންނެވެ.