ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ މަގާމުން ވަކިކުރުމުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފައްދާފައިވާ ދަ ޑިމޮކްޓަސްއަށް ސޮއިކުރަމުންދާ އެމްޑީޕީގެ މެންބަރުން މަގާމުން ވަކިކުރަމުން ދާއިރު މުޖުތަބާގެ އިތުރުން ޓޫރިޒަމް މިނިސްޓަރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތް) އާއި އެންވާރްމަންޓް މިނިސްޓްރީގެ ނައިބު މުހައްމަދު އަންސާރު އާއި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް މުހައްމަދު ހަމްދާން، ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓާ އާޝިޔަތު އަލައިކާ އަދުނާން ވަނީ މަގާމުން ވަކިކޮށްފައެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު މިއަދު ސަރުކާރުން ވަކިކުރެއްވި މުޖުތަބާއަކީ މުޅި އިސްލާހީ ހަރަކާތުގެ އެންމެ ވަރުގަދަ އެއް ތަނބު ކަމަށާއި މުޖުތަބާ އެ މަގާމުން ވަކިކުރެއްވުމަށް ރައީސް ސޯލިހު ލަދުފުޅު ނުގަނޭބާ އޭ ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށެވެ.

ސްމިތްގެ ގަދަ ހިތްވަރާއި މަޖާ މިޒާޖަކީ މުޅި އެމްޑީޕީގެ އެންމެ ބޮޑު އެއް ރަމްޒު ކަމަށާއި ސްމިތަކީ ވެސް ހަމަ އެހެން ޒުވާނުން ފަދައިން އަނިޔާވެރިކަމާ ދެކޮޅަށް ނިކުމެ މި ސަރުކާރު ގެނައުމަށް ވަރަށް މަސައްކަތް ކުރި ގަދަ ޒުވާނެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ސްމިތް ގެ ހިތްވަރު ދެން އަދި މާ ގަދަވާނެކަން ޔަގީން ކަމަށްވެސް އެމަނިކުފާނު ވިދާޅުވެއެވެ.

ސަރުކާރުގެ މަގާމުތަކުން ވަކި ކުރަމުންދާ މީހުންނަކީ އެމްޑީޕީގެ ސްލޮޓްތަކުގައި މަގާމުތަކަށް ދިޔަ މީހުން ކަމަށާއި އެ ޕާޓީ ދޫކޮށްލުމުން އެ މަގާމުތަކުން އެމީހުން ވަކިކޮށް ދިނުމަށް އެމްޑީޕީން އެދިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާނު ވަނީ ވިދާޅުވެފައެވެ.

އާ ޕާޓީ ރަޖިސްޓްރީ ކުރުމަށް 3000 މެންބަރުންގެ ސޮއި ހަމަކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާއިރު ދާދި ފަހުން ވަނީ ނަޝީދުގެ މަންމަ އާއި ބައްޕަ ވެސް އެމްޑީޕީ ދޫކުރައްވައި އާ ޕާޓީއަށް ސޮއި ކުރައްވާފައެވެ. ނަމަވެސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގައި އެ ޕާޓީގެ ރައީސްގެ މަގާމުގައެވެ. އާ ޕާޓީ އާ ނަޝީދު ގުޅިވަޑައިގަންނަވާނެ ދުވަހަކާ މެދު ނޫސްވެރިން މީގެ ކުރިން ސުވާލުކުރުމުން، ނަޝީދުގެ އަރިސް މެންބަރުން ވަނީ އެކަން އެނގިވަޑައިގަންނަވާނީ ސީދާ ނަޝީދަށް ކަމަށް ވިދާޅުވެ، ޖަވާބެއް ދެއްވަން އުޒުރުވެވަޑައިގެންފައެވެ.

ދަ ޑިމްކްރެޓްސްގެ ސިޔާސީ ހަރަކާތްތައް ވަރަށް ފޯރިއާއެކު ކުރިއަށް ދާއިރު އެމްޑީޕީގެ މައި ހަރުގޭގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ތަނުގައި މިއަދު ވަނީ ޑިމޮކްރެޓްސް ގެ ހަރުގެ ވެސް ހުޅުވާފައެވެ.