މި ސަރުކާރު ނޫނީ، ސިޔާސީ ގޮތުން ވި ވައުދު ފުއްދި ސަރުކާރެއް އަދި ނާންނަކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ފ. ދަރަނބޫދޫގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އަސްލަމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލުހުގެ ވެރިކަމުގެ މި ދައުރުގައި ތަރައްގީގެ ގިނަ ކަންތައްތަކެއް ކުރިއަށްދިޔަ ކަމަށެވެ.
ފާއިތު ސަރުކާރުތަކަށް ބަލާއިރު، ކޯލިޝަން ދެމެހެއްޓުމުގެ ވައުދު ފުއްދުނީ ހަމައެކަނި ރައީީސް ސޯލިހަށް ކަމަށާއި، އެއީ އެމަނިކުފާނު ފުއްދެވި އެންމެ މުހިންމު ވައުދު ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އެގޮތުން 2008 ވަނަ އަހަރު އޭރު އެމްޑީޕީއިން ވެރިކަމަށް އައި އިރު އޮތް ކޯލިޝަނާއި، 2013 ވަނަ އަހަރު ޕީޕީއެމްއިން ވެރިކަމަށް އައި ކޯލިޝަންވެސް އަހަރެއްގެ ތެރޭގައި ރޫޅިގެންދިޔަކަން އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ، ސަރުކާރެއް ބަދަލުވުމުން ވާ ކަމެއް ވެސް އޮންނަ ކަމަށާއި އެގޮތުން ފުރަތަމަ އަހަރުގެ ތެރޭގައި ކުރަން ޖެހެނީ ކުރީ ސަރުކާރުން ކޮށްފައި ހުރި މަސައްކަތްތަކުގެ ތެރެއިން ގޯސްކޮށް ހިނގާފައިވާ ކަންކަން ރަނގަޅުކޮށް ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިޔުން ކަމަށެވެ.
ސަރުކާރުން ބޭނުންވާ ކަންކަން ޕްލޭނަކާއެކު ކުރަން ލިބެނީ ދެވަނަ އަހަރު ކަމަށާއި ނަމަވެސް މި ސަރުކާރުގެ ދެވަނަ އަހަރު ތިބީ ކޮވިޑްގައި ޖެހިފައި ކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް ކޮވިޑްގެ ތެރޭގައި ވެސް އުމްރާނީ މަޝްރޫއުތައް ކުރިއަށް ގެންދެވެން އޮތް މިންވަރަކަށް ކުރިއަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވި ކަމަށާއި ރައީސްގެ އިރުޝާދުގެ ދަށުން ކުރި މަސައްކަތުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ކުރިއަށް އޮތީ ރިޔާސީ އިންތިހާބު ކަމަށާއި، އެކި ސިޔާސީ ލީޑަރުން ރައްޔިތުން ކައިރި އަށް ވަޑައިގެން އެކި ވައުދުތައް ވެވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުން ދެން ވިސްނަންވީ، ވައުދު ފުއްދައިދެއްވީ ކޮންބައެއްތޯ ކަމަށް ވެސް އަސްލަމް ފާހަގަކުރެއްވިއެވެ.