މިއަދު ރާއްޖޭގެ ހާލަތު އޮތީ ސަރުކާރުގެ ބާރު އޮތްނަމަ ގާނޫނުއަސާސީ ބަދަލުކޮށްގެންވެސް ބޭނުންކަމެއް ކުރާ ހިސާބުގައި ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިފަދައިން ވިދާޅުވީ ރޭ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގެ ފަހުގެ ތާރީހަށް ބަލައިފިނަމަ ފެންނަ މަންޒަރަކީ ސަރުކާރުގެ ބާރު އޮތިއްޔާ ގާނޫނުއަސާސީ ބަދަލުކޮށްގެންވެސް ބޭނުންކަމެއް ކުރަމުންދާ މަންޒަރު ކަމަށެވެ. އެގޮތުން ބަލާއިރު ރާއްޖެ ވަނީ ގާނޫނުއަސާސީގެ އިންތައް ފަހަނައަޅައި ގޮސް މެޖޯރިޓީގެ ބާރުތައް ބޭނުންކޮށްގެން ގައުމު ވިއްކާ ހުސްކުރާ ހިސާބަށް ގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މައިނޯރިޓީ ޕާޓީގެ ނުވަތަ އެހެން އެއްވެސް ވިސްނުމެއްގެ ބަހެއް، އަޑެއް އަދި ހައްގެއް ނެތް ހިސާބަށް ކަންކަން ގެންގޮސްފައިވާކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ރާއްޖޭގައި އޮތީ ޑިމޮކްރަސީ ނޫންކަމަށެވެ. އަދި އެއްވެސް ހާލެއްގައި ޑިމޮކްރަސީ ނުކިޔޭނެ ކަމަށާއި މިއީ ހުދުމުހުތާރުކަން ކަމަށެވެ.
ނާޒިމް އިތުރަށް ވިދާޅުވީ މިއަދުގެ ދިވެހި ދައުލަތް ސިފަކުރެވޭނީ ދުސްތޫރީ ހަމައަކަށް ބެލުމެއް ނެތި ދައުލަތުގެ ހަޒާނާ ބޭނުންކޮށްގެން ރައްޔިތުންނާއި މީޑިޔާތައް ހިސޯރުކޮށް ސަރުކާރުގެ ކަމަކާ ބަހެއް ބުނުމުގެ ޖާގައެއް ނުދީ ބޭރުގެ ނުފޫޒުތަކަށް ދީލާލައިގެން ވެރިކަން ކުރަމުންދާ، "ޑިކްޓޭޓާާޝިޕް"އަކާ ކަމަށެވެ. އަދި ރާއްޖެ ގޮސްފައި މިވާ ހާލަތަކީ ހިތާމަކޮށް ކަންބޮޑުވާންޖެހޭ ހާލަތެއް ކަމަށެވެ.
ދިވެހިރާއްޖެއަށްޓަކާ ހިތާ ފުރާނައިން ގުރުބާންވާން ތައްޔާރަށް ހުންނެވި ކަމަށް ވެސް ނާޒިމް ރޭ ވިދާޅުވެފައިވާއިރު އިންތިހާބު ކާމިޔާބު ކުރައްވާނީ ޕާޓީގެ ވިސްނުމުގެ ކުރިއަށް ގައުމީ ވިސްނުން ނެރެގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އުޖާލާ ޒަމާން"ގެ ނަމުގައި ރޭ ނާޒިމްގެ ކެމްޕެއިން ހަރަކާތްތައް ވަނީ ރަސްމީކޮށް ފައްޓަވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ގޮނޑި ވެސް ފުރުއްވަމުން ގެންދަވާ ނާޒިމް ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރާއި، މިހާރުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރައްވާފައެވެ.