މި އަަހަރުގެ މިސްޓާ މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި އާބަންކޯ ހަމަޖައްސައިފިއެވެ.

ބޮޑީ ބިލްޑިން އެސޯސިއޭޝަން އާއެކު އާބަންކޯއިން ވަނީ އެ އެސޯސިއޭޝަންގެ ފަރާތުން މި އަހަރު ބާއްވަން ހަމަޖެހިފައިވާ ދެ މުބާރާތެއްގެ ސްޕޮންސަޝިޕްގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަތީފެވެ. އަދި ބޮޑީބިލްޑިން އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ހަމީދެވެ.

އާބަންކޯއިން ބުނީ ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ފަރާތުން ބާއްވާ މިސްޓާ މޯލްޑިވްސް 2023 ގެ ޓައިޓަލް ސްޕޮންސަރަކީ އާބަންކޯ ކަމަށާއި ސައުތު އޭޝިއަން ބޮޑީ ބިލްޑިން އެންޑް ފިޒިކްސް ގެ ކޯ ސްޕޮންސަރަކީ އެ ކުންފުނި ކަމަށެވެ.

މި ދެ މުބާރާތްވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށްވާއިރު މިސްޓާ މޯލްޑިވްސް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 3 ވަނަ ދުވަހެވެ. އަދި ސައުތު އޭޝިއަން ބޮޑީ ބިލްޑިން އެންޑް ފިޒިކްސް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މި މުބާރާތް މާލޭގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށްވެސް އާބަންކޯއިން ފާހަގަކުރެއެވެ.

މި ދެ މުބާރާތުން ވެސް ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި އެހެނިހެން އިނާމުތައް ދިނުމަށް ހަމަޖެހިފައިވެއެވެ.

އާބަންކޯއަކީ ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތް ހޯދައިދިނުމަށް ބޮޑު ދައުރެއް އަދާކުރަމުންދާ ކުންފުންޏަކަށްވާއިރު އާބަންކޯއިން އެ ދެ މުބާރާތުގައި ހަރަކާތްތެރިވުމަށް ބޮޑީބޮލްޑިން އެސޯސިއޭޝަނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކުޅިވަރާއި ޒުވާނުން ކުރިއަރުވައި ފުރުސަތުތައް ހޯދައިދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ.