ސިޔާސީ ގޮތުން ބަލިވެ، ކޮންމެ ފަހަރަކު ސަޕޯޓަރުންނަށް އޮޅުވާލަން ސިމްޕަތީ ކާޑު ކުޅުމަކީ މިހާރު ފެއިލްވެފައިވާ އުކުޅެއް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ގޮތުން ބަލިވެ ބާކީވާ ކޮންމެ ފަހަރަކު ސަޕޯޓަރުންނަށް އޮޅުވާލަން "ސިމްޕަތީ ކާޑު" ކުޅެ ސަރުކާރުގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުމަކީ ބައެއް ސިޔާސީ ބޭފުޅުންގެ ސަގާފަތަކަށް ވެއްޖެ ކަމަށެވެ.

އެހެންކަމުން އެކަމަކީ ރައްޔިތުންނަށް ފަރިތަ ފެއިލް ވެފައިވާ އުކުޅަކަށް ނޫނީ ދެން ނުވާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ. އަލީ ޒާހިރު އެގޮތަށް ވިދާޅުވީ ސީދާ ކޮން ކަމަކާ ގުޅޭ ގޮތުން ކަން ސާފެއް ނޫނެވެ.

ޒާހިރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަަދު ނަޝީދު އަވަހާރަ ކޮށްލަން ބޮމުގެ ތިން ހަމަލާއެއް ދޭން އުޅުނު ކަމުގެ މައުލޫމާތު ސަރުކާރަށް ކުރިން ލިބުނުކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ، މޭ 6، 2021 ވަނަ ދުވަހުގެރޭ ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލަން އުޅުނު ކަމުގެ މައުލޫމާތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެނގިވަޑައިގަންނަ ވާ ކަމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެ މައްސަލައިގައި ހިންގި އިންކުއަރީއެއްގައި ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.

ހަސަންގެ ވާހަކަ އަށް ފަހު، ގަރާރަށް ބަހުސް ކުރައްވަން ފެއްޓެވުމުގެ ކުރިން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ ނަޝީދަށް އަމާޒުކޮށް ބޮމުގެ އިތުރު ހަމަލަތަކެއް ދޭން އުޅުނު ކަމުގެ މައުލޫމާތު ކުރިން ނުލިބޭ ކަމަށް ވިދާޅުވެފައެވެ. އިބްރާހީމް ރަޝީދު އެހެން ވިދާޅުވުމުން، ނަޝީދު ވަނީ އެ މައުލޫމާތު ޔަގީން ކޮށްދެއްވާފައެވެ.

"މޭރީ ބްރައުން ރެސްޓޯރަންޓް ކައިރީގައި ބޮމެއް ބާއްވައި އަޅުގަނޑު މަރާލަން އުޅުނުކަމާއި އަދި ޔާގޫތުގޭ ދޮށުގައި ބޮމެއް ބާއްވާ އަޅުގަނޑު މަރާލަން އުޅުނު ކަމުގެ މައުލޫމާތު، އަދި ކެނެރީގޭ ދޮށުގައި ބޮމެއް ބާއްވާ އެކަން ކުރަން އުޅޭ ކަމުގެ މައުލޫމާތު ސަރުކާރަށް އޮތީ ސާފުކޮށް އެނގިފައިކަން މިތަނުގައި ހުރި ތަހްގީގު ތަކުންނާއި އަދި އިތުރު ތަހްގީގުތަކުން ވާނީ ރަނގަޅަށް އެނގިފައި" ނަޝީދު ވިދާޅުވިއެވެ.

މޭ މަހުގެ ހަވަނަ ދުވަހުގެރޭ ނަޝީދު ގެކޮޅުން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް، އައިއީޑީ ގޮއްވާލި ހާދިސާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ވަނީ ނުރައްކާވެފައެވެ.