ބައިނަލްއަގުވާމީ މާލީ ނިޒާމުގެ އޮނިގަނޑަށް އަސާސީ އިސްލާހުތައް ގެނައުން މުހިންމު ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބުރައީސް މިފަދައިން ވިދާޅުވީ، ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް (އެފްއެފްޑީ 4)ގައި ބޭއްވި މަލްޓި-ސްޓޭކްހޯލްޑާ ރައުންޑްޓޭބަލް 6: "ރިފޯމިން ދަ އިންޓާ/ނޭޝަނަލް ފައިނޭންޝަލް އާކިޓެކްޗާ އެންޑް އެޑްރެސިން ސިސްޓެމިކް އިޝޫސް"ގައި ތަގުރީރު ކުރައްވަމުންނެވެ.
ދުނިޔޭގެ މާލީ އޮނިގަނޑު އިސްލާހުކުރުމަށް ވަގުތުން އަޅަންޖެހޭ މުހިންމު 3 ފިޔަވަޅެއް ފާހަގަކުރައްވާ ނައިބު ރައީސް ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް)، ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުގައި ހަމަހަމަކަމާއެކު ތަމްސީލުކުރޭތޯ ޔަގީންކުރުމަށް ގޮވާލައްވާފައެވެ.
އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކޯޓާތައް އަދާހަމަކުރުމާއި ވޯޓުދިނުމުގެ ހައްގު އިތުރުކުރުމާއި ނިންމުންތައް ނިންމުމުގެ ގަވާއިދުތައް އިސްލާހުކުރުމާއި ބޯޑުތަކުގައި ބައިވެރިވުން ފުޅާކުރުމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ބެލެހެއްޓުމާއި މާލީ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ހަރުދަނާކުރުން ހިމެނެއެވެ.
ނައިބު ރައީސް ވިދާޅުވީ އެކަށީގެންވާ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ދަރަނީގެ މައްސަލަ ވިލުންތެރި ގޮތެއްގައި ހައްލުކުރުމުގެ މުހިންމު ކަމަށެވެ. އަދި އިތުރު ދަރަންޏަކަށް ބަރޯސާނުވެ 'ވިލުންތެރިކަން ބިނާކުރުމަށް ދަރަނިން ލުއި ލިބޭ' ނިޒާމެއް ގާއިމުކުރުމަށް ގޮވާލައްވައިފައެވެ.
މީގެ އިތުރުން ދެފުށްފެންނަ މިންވަރު އިތުރުކުރުމާއި ބައިނަލްއަގުވާމީ އެއްބާރުލުން ބޮޑުކުރުމާއި ސިޑްސް އަށް އިންސާފުވެރި ކްރެޑިޓް ރޭޓިންގްއެއް ގާއިމުކުރުމަށް ވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ޖޫން މަހުގެ 30 އިން ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، އެފްއެފްޑީ.4ގައި ބައިވެރިވަޑައިގަތުމަށް ނައިބުރައީސް މިވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގައެވެ.