ހުޅުމާލޭގެ 1000 (ވެށިފަހިމާލެ) ފުލެޓު މަޝްރޫއުގެ ދަށުން އާބަންކޯއިން ފޭސް 1ގެ 30 އިމާރާތެއްގެ ބޭރު ފާރު މަރާމާތުކޮށް ކޮމަން އޭރިއާގެ މަސައްކަތް ކޮށްފިއެވެ.

އާބަންކޯއިން ބުނީ މި މަޝްރޫއުގެ ދަށުން ތަރައްގީ ކޮށްފައިވާ ފުލެޓު ނަންބަރު 83 އިން 112 އަށް އާދެމެދު އިމާރާތްތަކުގެ ބޭރުފާރުގެ ކުލަ އާ ކުރުމެގެ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެ ކޯޕަރޭޝަނުން ފަށާފައިވާކަމަށެވެ. އެގޮތުން އިމާރާތުގެ ބޭރުފާރާއި ފުލެޓުތަކުގެ ބެލްކަނީގެ އެތެރެފާރުގައި ވަނީ ކުލަލެވާއިރު ފުލެޓުގެ ރެނދު ބެއްދުމުގެ މަސައްކަތް ވެސް އެ ކޯޕަރޭޝަނުން ވަނީ ކޮށްފައެވެ.

2 ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަސައްކަތްތައް ނިންމާލުމަށްފަހު ބާކީ ހުރި ފުލެޓްތަކުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަން ފާހަގަކޮށް އާބަންކޯއިން ބުނީ ފުރަތަމަ ފޭސްގައި ޖުމްލަ 504 ޔުނިޓްގެ ބޭރު ފާރުގެ މަރާމާތާއި ކޮމަން އޭރިއާގެ މަސައްކަތްތައް ކުރެވިފައިވާ ކަމަށެވެ.

އާބަންކޯއިން އިތުރަށް ބުނީ މިހާރު މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ 113 އިން 138 ވަނަ ފުލެޓާއި ހަމައަށް ކަމަށެވެ. ކޮންމެ އިމާރާތެއްގެ މަސައްކަތް ފެށުމުގެ ކުރިން އެ އިމާރާތުގެ ފުލެޓުތަކަށް ނޯޓިސް ދޭނެ ކަމަށާއި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ފުލެޓުތަކުން އެ ފުލެޓުތަކުގެ ބެލްކަނީގެ ފާރުގައި ކުލަލުމަށް މަސައްކަތްތެރިންނަށް މަގުފަހިކޮށްދިނުމަކީ އެ ފުލެޓެއްގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް އާބަންކޯއިން ބުނެއެވެ.

އިމާރާތުގެ ބޭރު ފާރުގައި ކުލަލުމަށް ގުންގު ނުވަތަ ސިޑި ފަދަ ތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު އިމާރާތުގެ ބޭރުގައި ބެހެއްޓިފައިވާ ގަސްމުށި، ހަރު، ފެންސު، އިމާރާތުގެ އާންމު ބައިތަކުގައި ބެހެއްޓިފައިވާ ތަކެއްޗާއި އިންދާފައިވާ ގަސް އަދި އެހެނިހެން ހިފާ ގެންގުޅޭ ތަކެތި އެއްކައިރި ކުރުމަކީ ނުވަތަ ނެގުމަކީ އެތަކެތީގެ ވެރިފަރާތުގެ ޒިންމާއެއްކަަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ހުޅުމާލޭގައި އިމާރާތް ކުރެވިފައިވާ ގިނަ ހައުސިން މަޝްރޫއުތަކެއް ބަލަހައްޓާ މަރާމާތުގެ މަސައްކަތް އާބަންކޯ ފަރާތުން ކުރަމުންދާއިރު އެ މަސައްކަތްތަކަކީ ތާވަލު ކުރެވިގެން ގަވައިދުން ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި އެ މަސައްކަތްތައް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމު ކޮށްދިނުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.