ކަރަންޓާއި ކުނީގެ ބިލް އެއްކޮށްލައިގެން ފޮނުވަން މިންގަނޑެއް ކަނޑައަޅައި، ކަރަންޓް ބިލަށް 34 ޔުނިޓް ނާރާ ގެތަކަށް ވެމްކޯގެ ބިލް ނުފޮނުވަން ނިންމައިފިއެވެ.

އަންނަ މަހުން ފެށިގެން ކުނި ބިލާއި ކަރަންޓު ބިލް އެއްކޮށްލައިގެން ފޮނުވަން ނިންމައި މިންގަނޑު ކަނޑައެޅިއިރު ކަރަންޓު ބިލަށް 34 ޔުނިޓަށް ވުރެ މަދުން އަރާނަމަ ބަލާފައި ވަނީ އެއީ ކުނި ނުއުފައްދާ ގެއެއްގެ ގޮތުގައެވެ.

ވެމްކޯގެ ބިލު، ސްޓެލްކޯގެ ކަރަންޓު ބިލާ އެއްކުރުމާ ބެހޭ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް ބޭއްވި މައުލޫމާތު ސެޝަންގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވީ، ކަރަންޓު ބޭނުންކުރާ މިންވަރު 34 ޔުނިޓަށް ވުރެ ދަށް ނަމަ އެ މަހަކު އެ ގެޔަކަށް ވެމްކޯއިން ބިލް ނުކުރާނެ ކަމަށާއި ނަމަވެސް 34 ޔުނިޓަށް ވުރެ އިތުރުވެއްޖެ ނަމަ ވެމްކޯގެ ބިލް ދާނެ ކަމަށެވެ.

އާންމު ގޭބިސީތަކުގައި ވެމްކޯގެ ބިލް ސްޓެލްކޯގެ ބިލާ އެއްކޮށް ޓައީވާ ގޮތަށް ހުރި ނަމަވެސް ވިޔަފާރި ބޭނުމަށް ބޭނުންކުރާ ތަންތަނުގެ ދެ ބިލް އެއްކޮށްލެވޭނީ ރަޖިސްޓްރީ ކުރުމުން ކަމަށް ސިރާޖު ވިދާޅުވިއެވެ.

ސްޓެލްކޯއިން ކަނޑައަޅާފައި އިންނަ އަދަދަކީ 34 ޔުނިޓް. އެއީ މިން ކުރުމަށްޓަކައި ބަލާ މިންގަނޑެއް. 34 ޔުނިޓް ނާރާ ކަމަށް ވާނަމަ އެ ގެއަކަށް ޗާޖެއް ނުކުރާނެ އެ މަހަކު. 34 ޔުނިޓުން މައްޗަށް އަރައިފިއްޔާ ވެމްކޯގެ ބިލު އަންނާނެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް

ސިރާޖް އިތުރަށް ވިދާޅުވީ، އެއް މީޓަރަށް ވުރެ ގިނަ މީޓަރު ހުންނަ ގޭގެއިން ވެމްކޯއިން އެކަމަށް ހާއްސަ ކޮށްފައިވާ ފޯމު ފުރުމުން އެ ކޯޕަރޭޝަނުގެ ޓީމަކުން ސާވޭ ކުރަން ދާނެ ކަމަށާއި ސާވޭއަށް ފަހު އެއީ އެއް އާއިލާއެއް ދިރިއުޅެމުންދާ ތަނެއް ކަމަށް ފެންނަ ނަމަ އެތަނަކަށް ޗާޖު ކުރާނީ އެއް ގޭބިސީއަށް ވާ ފައިސާ ކަމަށެވެ.

އާންމުކޮށް ސްޓެލްކޯގެ ބިލުތައް ތައްޔާރު ކޮށްފައި ހުންނަނީ އެއް މަހުގެ 20 އިން އަނެއް މަހުގެ 20 އަށް ކަން ފާހަގަކުރައްވާ ސިރާޖު ވިދާޅުވީ، ދެން ބިލް އަންނަ އިރު އަންނާނީ މިދިޔަ އެޕްރީލް މަހުން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށެވެ.

މިސާލަކަށް ސްޓެލްކޯ ބިލަކީ 28 ދުވަހަށް ހިނގާ ބިލަކަށް ވަންޏާ ވެމްކޯގެ ބިލު ވެސް އިންނާނީ 28 ދުވަހަށް. 31 ދުވަހަށް ހިންގަންޏާ ވެމްކޯގެ ބިލު ވެސް އަންނާނީ އެހާވަރަށް.
ސިރާޖް

ވެމްކޯއިން ބުނީ، މި ގޮތަށް ފީ ނަގަން ހަމަޖައްސާފައިވަނީ މިވަގުތު ވެމްކޯއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ ފޯރުކޮށްދޭ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ހިދުމަތް ލިބިގަންނަ ބައެއް ފަރާތްތަކުން ވެމްކޯއަށް ގަވާއިދުން ނުދައްކާ މައްސަލައަށް ހައްލު ހޯދުމަށް ކަމަށެވެ.

މާލެ ސަރަހައްދުގައި ފީދައްކަން ޖެހޭ ޖުމްލަ 53,690 ގޭބިސީ ހުރި ނަމަވެސް ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީ ކޮށްގެން ބަރާބަރަށް ފީ ދައްކަމުން އަންނަނީ ގާތްގަނޑަކަށް 20,000 ގެބިސީއިންނެވެ. ވެމްކޯގެ ހިދުމަތްތަކަށް ނަގާ ފީ ނުދައްކުމުގެ ސަބަބުން ގަވާއިދުން ކުނި ކަލެކްޓްކޮށް މެނޭޖްކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން އަންނައިރު އެ ގޮންޖެހުންތައް ނައްތާލެވޭނީ ވެމްކޯގެ ހިދުމަތްތަކަށް ކަނޑައެޅިފައިވާ ފީ ބަރާބަރަށް ވެމްކޯއަށް ލިބިގެންނެވެ.

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، އެޕާޓްމަންޓްތަކަށް އަރައި ކުނި ނަގާ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދުވާލަކަށް 4.93 ރުފިޔާއެވެ. ގޭބިސީތަކުން ކުނި ނަގަމުން އަންނަ ރޭޓް ވަނީ 150 ރުފިޔާގައި ހިފަހައްޓާފައެވެ. ވިޔަފާރިއާއި ކޮމާޝަލް ތަންތަނަށް ލީޓަރަކަށް 27 ރުފިޔާގެ މަގުން ނަގަން ނިންމާފައި ވާއިރު ކޯލް އެންޑް ޕިކަޕް ސާވިސްއަށް ޓަނަކަށް 330 ރުފިޔާ ނަަގާނެއެވެ.