32 ރަށެއްގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރާ ވަސީލަތްތަކާއި އެކަމަށް ބޭނުންވާ އިމާރާތްތައް ގާއިމް ކުރުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފިއެވެ.
އެންވާރަމަންޓް މިނިސްޓްރީއާއި ވެމްކޯއާ އެކު މި އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި އެއްބަސްވުމުގައި ތިމާވެށްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލެވެ
މި 32 ރަށުގެ އިތުރުން 2 ރަށެއްގެ މަސައްކަތް މިދިޔަ މަހުވެސް ވެމްކޯއާ ވަނީ ހަވާލުކޮށްފައެވެ. އެހެންކަމުން ޖުމްލަ 34 ރަށުގެ ކުނި މެނޭޖްކުރުމުގެ ވަސީލަތާއި އިމާރާތް އެޅުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފައިވާ އިރު، އއޭގެ ތެރެއިން 21 ރަށުގައި އާ އިމާރާތެއް އަޅަން ވަނީ ނިންމާފައެވެ. ބާކީ ހުރި ރަށްރަށުގައި ކުރިއަށްދާނީ އަޕްގްރޭޑިންގެ މަސައްކަތެވެ.
މަސައްކަތް ކުރިއަށް ގެންދިއުމަށް ވެމްކޯއާ ހަވާލުކުރި 34 ރަށަކީ، ހއ. އަތޮޅުން ދިއްދޫ، ހޯރަފުށި، އިހަވަންދޫ، ވަށަފަރު، ހދ. ކުޅުދުށްފުށި، ކ. އަތޮޅުން ދިއްފުށި، ގާފަރު، ގުޅި، މ އަތޮޅުން މަޑުއްވަރި، ނާލާފުށި ރަތްމަންދޫ، ވޭވަށެވެ. ހަމައެއާއެކު ފ އަތޮޅުން ބިލެއްދޫ، ދަރަބޫނދޫ، ފީއަލި، ތ އަތޮޅުން ދިޔަމިގިލި، ގާދިއްފުށި، ހިރިލަންދޫ ކަނޑޫދޫ، ވޭމަންޑޫ، ވިލުފުށި ހިމެނެއެވެ. މީގެ އިތުރުން ލ އަތޮޅުން ހިތަދޫ، އިސްދޫ، ކަލައިދޫ، ކުނަހަންދޫ، މާބައިދޫ، މާމެންދޫ، މާވަށް، މުންޑޫ އާއި ގދ. ތިނަދޫ، ޏ. ފުވައްމުލައް ހިމެނއެވެ. އަދި ސ. ހުޅުމީދޫ އާއި ދ އަތޮޅުން ހުޅުދެލި އަދި މީދޫ ހިމެނެއެވެ.
32 ރަށުގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރާނެ ސެންޓަރާއި ވަސީލަތް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔަތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ، ކުނި މެނޭޖްކުރަން ބޭނުންވާ ވަސީލަތްތަކާއި މަރުކަޒުތައް ރަށްރަށުގައި ގާއިމުކުރުމުގެ މަސައްކަތަށް އެ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. އޭރުން މަސައްކަތްތައް އަވަހަށް ކުރިއަށްގެންގޮސް ނިންމުމަށް ފަސޭހަވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ފަދައިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރާ ނިޒާމް ގާއިމް ކުރާ އިރު، ކުނި މެނޭޖްކުރާ މަރުކަޒު ނުވަތަ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ޖުމްލަ 128 ރަށުގައި ކުރިއަށް ގެންދަންޖެހޭ ކަމަށް ތޯރިގް ވިދާޅުވިއެވެ. މިއަދު ކުނި މެނޭޖްކުރާ މަރުކަޒު ގާއިމްކުރަން ސޮއިކުރި 32 ރަށުގެ އިތުރުން ބާކީ ހުރި ރަށްރަށުގައި ވަސީލަތް ގާއިމްކުރުމުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.