ކ. ގުޅީގައި ފެށުނު ވެމްކޯގެ ހިދުމަތާއެކު އެ ރަށުގައި ބޮޑުވެފައި އޮތް ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ،

ކ. ގުޅީގައި ވެމްކޯގެ ހިދުމަތް ފައްޓަވަމުން ދެއްކެވި ވާހަކައިގައި މިނިސްޓަރު ވިދާޅުވީ އެރަށަކީ ފަތުރުވެރިކަން މި ވަގުތުވެސް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން ދާ ރަށެއްކަމުން ކުރިއަށް ހުރި އަހަރުތަކުގައިވެސް ފަތުރުވެރިކަން އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށެވެ.

ކުނީގެ މައްސަލައަކީ އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ވެމްކޯއާއެކު މި ފެށިގެންދާ މަސައްކަތުން މިކަމަށް އެދެވޭ ނަތީޖާއެއް ލިބިގެންދާނެކަމަށެވެ. އަދި ކުނި ނެގުމާއި މެނޭޖްކުރުމުގެ މަސައްކަތްތައް ހަރުދަނާ އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންދެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެންވަޔަރަމަންޓް މިނިސްޓަރީ އާއި ވެމްކޯއިން ގުޅިގެން ކުނީގެ މައްސަލަ ހައްލުކުރުމަށް މިވަގުތުވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ވެމްކޯގެ އައު އިސްނެގުންތަކުގެ ތެރޭގައި މާލެއިން ގެންނަ ކުނި ކޮންޓެއިނަރައިޒްކުރުމުގެ މަސައްކަތް ފެށުމާއި، ބަންކަރިން ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ،