މިރޭގެ 7:30 ހާއިރު ހުޅުމާލޭގައި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގީ ގޭންގަކުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އެ ފުލުސް މީހާއަށް ހަމަލާ ދީފައިވާ ވީޑިއޯ ބެއްލެވިކަން ފާހަގަ ކުރައްވާ ސީޕީ ވަނީ ހިތްވަރާއެކު އެ ހަމަލާ ހުއްޓުވަން މަސައްކަތް ކުރި ގަލޮޅު ޕޮލިސް ސްޓޭޝަންގެ ސާޖަންޓްއަށް ތައުރީފު ކުރައްވާފައެވެ. ފުލުހުންގެ މީހާއަށް ހަމަލާދިން މީހުން ހޯދާ ހައްޔަރުކުރުމަށް ހުޅުމާލެ ހައިވިސިބިލިޓީ އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ފުލުހުން އެޅި އަވަސް ފިޔަވަޅުތަށް ވެސް ސީޕީ ފާހަގަ ކުރައްވާފައި ވެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ފުލުހުންގެ އޮފިސަރަަކަށް މިރޭ ގްރޫޕަކުން ހަމަލާ ދީފައިވާ ކަމަށާއި އަނިޔާވި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށެވެ. އަދި މި މާރާމާރީ އާ ގުޅިގެން 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް ހައްޔަރު ކުރި މީހުންނާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އަދި ފުލުހުންގެ އޮފިސަރަށް ލިބުނު އަނިޔާތަކުގެ ތަފްސީލު ވެސް ފުލުހުން ނުދެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ އޮފިސަރަކަށް ހުޅުމާލެއިން ބަޔަކު ހަމަލާދީފައި ވަނީ އޭނާ ކުލަ ހެދުމުގައި ހުއްޓައެވެ. އަދި ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ހަމަލާ ދިން މީހުން ފިލަން ގޮސް ވަނީ ހުޅުމާލޭގެ 53 ނަންބަރު ފްލެޓަށެވެ.