ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފިއެވެ.

ސީޕީ ހަމީދު ރިޓަޔާ ކުރެއްވީ އެކަމަށްޓަކައި މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ފުލުހުންގެ ވަޒީފާއާ ފުރަތަމަ ގުޅުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް އެކި ހައިސިއްޔަތުގެ ބޭފުޅުންނާއެކު މަސައްކަތްކުރެވުނުކަން ފާހަގަ ކުރައްވާ ސީޕީ ވިދާޅުވީ ކޮންމެ ފުލުހަކު ވެސް ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ފެނިފައިވަނީ ހިތްވަރާއި އަޒުމާއެކު މަސައްކަތް ކޮށްފައިވާތަން ކަމަށެވެ.

ސީޕީ ހަމީދު ވަނީ ފުލުހުންގެ މުއައްސަސާގެ ޝަރަފާއި ގަދަރު ނެގެހެއްޓުމަކީ ކޮންމެ މުވައްޒަފެއްގެ ކޮނޑުގައި ވެސް އެޅިފައިވާ ޒިންމާއެއް ކަމުގައި ދެކިގެން މަސައްކަތް ކޮށްދިނުމަށް ހުރިހާ ފުލުހުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަކީ ކުށްމަދު އަމާން ތަނެއްގެ ގޮތުގައި ހެދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތަކުގައި އަބަދުވެސް އެންމެ ކުރީ ސަފުގައި ހުންނަވާނެކަމަށް ސީޕީ ވިދާޅުވިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު/ ފޮޓޯ: ފުލުހުން

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ އިތުރަށް ހަމީދު ވަނީ ފުލުހެއްގެ ގޮތުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެކި ލެވެލްގައި އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އޭގެތެރޭގައި ކޮމިޝަނާ އޮފް ޕޮލިސްގެ އާއިލާ އާއި ހޯމް މިނިސްޓަރާއި ޑެޕިއުޓީ ކޮމިޝަނަރުން އަދި އިންސްޕެކްޓާ އޮފް ޕޮލިސް އަލީ ޝާޒްލީގެ ނަން ހަމީދު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ކޮމިޝަނާ އޮފް ޕޮލިސްއަށް ޝަރަފުގެ ހަނދާނީ ފިލާ، ރިޓަޔާމަންޓް ކާޑު އަދި ފުލުހުންގެ ދިދަ އަރުވާފައިވެއެވެ. ޝަރަފުގެ ހަނދާނީ ފިލާއަކީ ޝަރަފުވެރިކަމާއެކު ރިޓަޔަކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އަރުވާ ފިލައެއް ކަމަށްވާއިރު، ރިޓަޔާމަންޓް ކާޑަކީ ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ ކޮންމެ ފުލުހަކަށް އަރުވާ ކާޑެކެވެ. ފުލުހުންގެ ހިދުމަތުގެ ދިދައަކީ، ދިވެހި ފުލުހުންގެ ހިދުމަތް ރަމްޒުކޮށްދޭ އަލި ގަދަ ދަންމަރެވެ.

މި ރަސްމިއްޔާތުގައި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ މައްޗަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނަކާއި ކޮމިޝަނަރގެ މަގާމުގައި ހުންނެވިއިރު، ފުލުހުންގެ ހިދުމަތާ ގާތުން މަސައްކަތްކުރި ބޭރުގެ އެކިއެކި ބޭފުޅުންނާއި ކޮމިޝަނާގެ އާއިލާގެ ބޭފުޅުންގެ އިތުރުން ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުން، ކޮމިޝަނާގެ މަސައްކަތްތަކާ މެދު ދެކޭގޮތުގެ އިންޓަވިއުތައް ވަނީ ދައްކާލާފައެވެ.