ތަމްރީނުވެގެން ނުކުންނަ ފުލުހުން ތަމްރީނުގައި ކަންކަން ދަސްވިގޮތަށް ހިދުމަތްކުރުމުގެ އަޒުމުގައި މަސައްކަތްކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ފުލުހުންގެ ކިބައިން އެދިލައްވައިފިއެވެ.
ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ 35 ވަނަ ބުރުގެ ދަސްވެނިވުމުގެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ ތަމްރީނު ފުރިހަމަކުރުމަށްފަހު ހިދުމަތަށް ނުކުންނަ ފުލުހުން އިސްކަންދޭން ވާނީ ތަމްރީނުން ދަސްވި ކަންކަން ދަސްވިގޮތަށް ހިދުމަތްކުރުމަށް ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތް އިތުރަށް ރަނގަޅުކޮށް މަސައްކަތް ކުރުމުގައި ހުރެދާނެ ނުރަނގަޅު ސަގާފަތެއްވާނަމަ އެ ސަގަފާތެއް ބަދަލުކުރުމަށް މަސައްކަތްކުރާ ބަޔަކަށްވުމަށް ކަމަށެވެ.
އަލަށް ތަމްރީނުވެގެން ހިދުމަތާގުޅޭ ވަގުތަކީ އިތުރަށް ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރަން ފުލުހުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި ކަމެއް ގޯސްކޮށް ދާނަމަ އެއީ ގޯހެކޭ ބުނުމުގެ ހިތްވަރާއި ކެރުންތެރިކަން ކޮންމެ ފުލުހެއްގެ ކިބައިގައިވެސް ހުންނަންވާނެކަމަށް ސީޕީ ވިދާޅުވިއެވެ. މުޖުތަމައުގެ ތެރެއިން ކުށެއް ކުރާތަން ފެނިއްޖެނަމަ އެކަމަކަށް ފުރިހަމައަށް އެޓެންޑުވުމުގެ ގާބިލުކަމާއި ފެންވަރު ހުންނަންވާނެ ކަމަށާއި ފުލުހުންނަށް ބޭނުންވާނެ ފުރިހަމަ ތަމްރީނު ހުރިހާ ފުލުހުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ސީޕީ އިތުރަށް ވިދާޅުވީ ފުލުހުންގެ ހިދުމަތަށް ގެނެވެމުންދާ އެންމެ ބޮޑެތި ބަދަލުތައް ގުޅިފައި ވަނީ ރައްޔިތުންނާ ގާތުން ހިދުމަތްދިނުމާއި އަވަސް އަދި ފަސޭހަ ހިދުމަތެއް ދިނުމަށް ކަމަށެވެ. އެގޮތުން ލާމަރުކަޒީކޮށް ފުލުހުންގެ ހިދުމަތް ދިނުން ފުރިހަމަކުރުމާއި ޓެކްނޮލޮޖީގެ ބޭނުން ހުރިހާ ފުލުހުންނަށް ހިފޭނެ ގޮތަށް މަސައްކަތް ބައްޓަންކުރުމުގެ އިތުރުން ފުރިހަމަ ވަސީލަތްތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާކަން ސީޕީ ފާހަގަކުރެއްވިއެވެ.
ތަމްރީނުގެ އެއްވެސް މިންވަރެއް ނުލިބި ފުލުހުން މަސައްކަތްކުރިއިރާ ތަމްރީން ލިބުމަށްފަހު ދެން މަސައްކަތްކުރާނެ ގޮތް ތަފާތުވާނެ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. ތަޖުރިބާއާއެކު ދެން އޮތް މަރުހަލާގައި މަސައްކަތުގައި ކުރިއަށްދާން ތިބި ފުލުުހުންނަކީ އެ ގާބިލުކުރަން ހުރި، ކޮންމެ ދުވަހެއްގެ މަސައްކަތުގައިވެސް ތަފާތު ދައްކާނެ ފުލުހުންކަމަށް އުންމީދުކުރައްވާކަން ސީޕީ ފާހަގަކުރެއްވިއެވެ.
ގޮންޖެހުންތަކާ ކުރިމަތިލެވޭ އަދި ބަދަލުވާ ހާލަތަކަށް ތައްޔާރަށް ތިބެ ރައްޔިތުން ރައްކާތެރިކޮށް ހިދުމަތްތެރިވުމަށް އިސްކަންދިނުމަށް އަބަދުވެސް މަސައްކަތް ކުރުމަށާއި ޖިސްމާނީ އަދި ނަފުސާނީ ސިއްހަތު ރަނގަޅުވުން އެއީ ފުލުހެއްގެ ގާބިލުކަމާ އެހެން މީހުންނަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި ރައްކާތެރިކަން ދިނުމަށް ވަރަށް މުހިންމު ކަމެއްކަން ދަނެ އަމިއްލަ ނަފްސާމެދު އަޅާލާ ބަޔަކަށް ވުމަށްވެސް ސީޕީ ވަނީ ފުލުހުންނަށް ގޮވާލާފައެވެ.