ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލުވާން ދެ ދުވަހަށް ވެފައި ވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދީފިއެވެ.

ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދީފައި މިވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އެދިވަޑައިގެންފައި ވަނިކޮށެވެ.

ޕްރޮމޯޝަން ދިންކަން ހާމަކުރައްވާ ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު މުއިއްޒުއަށް ފޮނުއްވި ކަމަށް ބުނާ މެސެޖުގައި ވިދާޅުވީ އެ ޕްރޮމޯޝަނަކީ މިދިޔަ އޮގަސްޓް މަހު ދޭން ނިންމާފައިވާ ޕްރޮމޯޝަންތަކެއް ކަމަށެވެ. ނަމަވެސް ޕްރޮމޯޝަން ދިނުން ފަސްކޮށްފައި ވަނީ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވުމުން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ވިސްނުމުން ދުރުވާން ބޭނުންވާތީ ކަމަށެެވެ.

މި މެސެޖް ފޮނުވިކަން 'ދަ ޕްރެސް' އަށް ކަށަވަރު ކުރެވިފައި ނުވާ އިރު ޕްރޮމޯޝަންތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުންވެސް ފުލުހުންގެ އިދާރާއިން ޖަވާބެއް ދީފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ އެގްޒެކެޓިވް ލެވެލްގައި ތިބި ބައެއް ފުލުހުންނަށް ވަނީ ޕްރޮމޯޝަން ދީފައެވެ. އަދި ފުލުހުންގެ އެގްޒެކެޓިވް ފެންވަރުގެ ފުލުހުންގެ އިތުރުން އެހެން ލެވެލްތަކުގައި ތިބި ފުލުހުންނަށް ވެސް ޕްރޮމޯޝަން ދިނުމަށް ނިންމާފައި ވެއެވެ.

އެނގިފައިވާ ގޮތުން މިހާތަނަށް ޕްރޮމޯޝަން ދީފައި ވަނީ، އެސިސްޓެންޓް ކޮމިޝަނާ ކަމަށް، ޔޫނުސް ސޮބާހު، އާސިމް އަބްދުﷲ، މުހައްމަދު ރަޝީދު، އަހްމަދު ޝަމީމް، މުހައްމަދު ބަޝީރު، ހުސައިން ރަޝީދު އަދި މޫސާ އަލީ އެވެ.

ޗީފް ސްޕްރިޓެންޑެންޓްގެ ރޭންކަށް 8 އޮފިސަރުން ޕްރޮމޯޓް ކުރި ޗީފު އިނިސްޕެކްޓަރުންގެ ރޭންކަށް 53 ފުލުހަކު ޕްރޮމޯޓް ކުރިކަމަށް ވެސް ވަނީ މައުލޫމާރު ލިބިފައެވެ.

މި ޕްރޮމޯޝަންތައް މަޑުޖައްސާލުމަށް ފުލުހުންނަށް އެންޓި ކޮރަޕްޝަން ކޮމިޝަން އިން ވެސް މީގެ ކުރިން އެންގި ނަމަވެސް އެ އަމުރު ފޮނުވާފައި ވަނީ އެއްވެސް ގާނޫނަކާ ހަވާލާނުދީ ކަމަށް ވުމުން އެ ކަން ޕްރޮސެކިއުޓާ ޖެނެރަލްގެ ސަމާލުކަމަށް ގެނައުމުން އެ އަމުރަށް އަމަލުކުރަން ނުޖެހޭނެ ކަމަށް އަންގާފައި ވާކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.

ފުލުހުންނަށް ޕްރޮމޯޝަންތަކެއް ދޭން ފަށާފައި ވާއިރު، ސީޕީ ހަމީދު މިއަދު ރިޓަޔާ ކުރައްވާނެއެވެ. ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގެ ޒިންމާ ވަގުތީގޮތުން ސީޕީ ހަމީދުއާ ހަވާލުކުރެއްވީ ޑިސެމްބަރު 12، 2018 ގައެވެ. ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ރަސްމީކޮށް ހަމީދު އައްޔަން ކުރެއްވީ މާޗް 26، 2019 ގައެވެ.