2022 ވަނަ އަހަރު ފުލުހުންގެ ހިދުމަތަށް ބޮޑީވޯން ކެެމެރާ ގަތުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ހައުސިން މަޝްރޫއު (ބްލޫ ހައުސިން)ގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން ނެގި ހާއްސަ ސަބް ކޮމިޓީގައި މީގެ ދެ ދުވަސް ކުރިން ވަނީ، ހަމީދު ކޮމިޝަނަރަކަށް ހުންނެވިއިރު ފުލުހުންނަށް ބޭނުންވާ ބޮޑީ ވޯން ކެމެރާ ގަތުމުގައި ވެސް ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

އެ ކޮމިޓީގައި އެ ދުވަހު ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ކޮމިޝަނަރުކަމުގައި ހަމީދު ހުންނެވިއިރު ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ގަންނަން ހަވާލުކުރީ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުގެ ދަށުން ކަމަށެވެ.

އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް 66 މިލިއަން ރުފިޔާ ދީފައިވާ ކަމަށާއި އެ މައްސަލައިގައި ޝައްކުތަކެއް އުފެދުނީ ފުރަތަމަ އެ މަސައްކަތް ބީލަމަށް ލުމަށް ފަހު، އެ ބާތިލުކޮށްފައި އަލުން އެ މަސައްކަތް ސިންގަލް ޕްރޮކިއުމަންޓް އުސޫލުން ހަވާލުކުރުމުން ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

އަދި އެ މުއާމަލާތުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ކުރިން ނިންމާފައިވީ ނަމަވެސް ، މަގާމުން ރިޓަޔާކުރެއްވުމަށްފަހު ހަމީދު އެ ކުންފުނީގެ ވަޒީފާއަކަށް ވަޑައިގެންފައި ވާ ކަމަށާއި އެއީ ސުވާލު އުފެދޭ ކަމެއް ކަމަށް ނާޒިމް ވަނީ އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ.

"ރިޓަޔާ ކުރައްވާފައި ތަކެތި ސަޕްލައިކުރި ކުންފުނީގެ ވަޒީފާއަކަށް މި ވަޑައިގަންނަވަނީ. އެހެންވީމާ އެ މަގާމުގައި ހުންނެވިއިރު އެވާޑްކުރި ކޮންޓްރެކްޓެއް ލިބުނު ކުންފުންޏަކަށް ވަޒީފާއަށް ވަޑައިގެން އެ ޕްރޮޑަކްޓްތައް ޕްރޮމޯޓްކުރުމުގައި އުޅުއްވާތީ ހުށަހަޅާފައި އޮތް މައްސަލައެއް މި މައްސަލައަކީ،"
މަޖިލީހުގެ ނައިބު ރައީސް، ނާޒިމް

އެހެންކަމުން މިއީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އިތުރަށް ބަލަންޖެހޭ މައްސަލައެއްގެ ގޮތުގައި ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ހަމީދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، 2016 ވަނަ އަހަރު ޒެޓާ އެންޓަޕްރައިސަސްގެ ދަށުން ޒެޓާ ޓެކްނޮލޮޖީ ވުޖޫދުވީއްސުރެ ރާއްޖެއަށް އެކްސޮން ބްރޭންޑްގެ އުފެއްދުންތައް އެތެރެކުރަމުންދަނީ އެ ކުންފުނި މެދުވެރިކޮށް ކަމަށާއި ބޮޑީ ވޯން ކެެމެރާ ގަތުމަށް ޕްރޮޕޯސަލް ހުށަހެޅުމުން، އޮންނަ އުސޫލުގެ ދަށުން ފުލުހުންގެ ތެރެއިން ޓެކްނިކަލް އަދި އޮޕަރޭޝަނަލް ޓްރަޔަލްތަކާއި އިންޓާނަލް އިވެލުއޭޝަނާއި ޓެންޑަރިން ޕްރޮސެސް ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ.

އަދި ޕްރޮކިއުމަންޓް ކުރިއަށް ގެންގޮސްފައިވަނީ ހަތަރު އަހަރު ދުވަހުން ފައިސާ ދައްކާ ނިންމާ ގޮތަށްކަން ފާހަގަ ކުރައްވާ ހަމީދު ވިދާޅުވީ، އޭގެ ފަހުން ބިޑު ކާމިޔާބު ނުކުރެވުނު ފަރާތަކުން އެ މައްސަލަ އޭސީސީއަށްވެސް ހުށަހެޅި ކަމަށެވެ. ނަމަވެސް މައްސަލަ ނިންމާފައިވަނީ އެކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިމެނޭކަމަށް ކަމަށް ހަމީދުގެ ބަޔާނުގައި ވެއެވެ.

އަދި އެ ކުންފުނީގައި އޭނާ ވަޒީފާ އަދާ ކުރަން ފެއްޓެވީ ރިޓަޔާކުރެއްވިތާ ވެސް ދޮޅު އަހަރުފަހުން ކަމަށާއި އެ ކުންފުނިން ވަޒީފާ ހަމަޖެހިގެންދިޔައީ ނުފޫޒުގެ ބޭނުން ކޮށްގެން ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެ ދާއިރާގައި އޭނާގެ ތަޖުރިބާ ހުރިކަމަށް ހަމީދު ވިދާޅުވިއެވެ.

"ޒެޓާއިން އަޅުގަނޑަށް އެޕްރޯޗްކުރީ އެކުންފުނީގެ މި ސަރަހައްދުގެ ޖެނެރަލް މެނޭޖަރުކަމަށް. އަޅުގަނޑު އެ ވަޒީފާ ގަބޫލުކުރިން، އެއީ އެ ކުންފުނިން އަޅުގަނޑަށް އެޕްރޯޗްކުރީ ނުފޫޒުގެ ސަބަބުންނެއް ނޫން، މި ދާއިރާގައި އަޅުގަނޑުގެ ތަޖުރިބާ ހުރީމަ، ފުލުހުންގެ ތެރޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން އައިސް ބޮޑީ ވޯން ކެމެރާ އާއި އެއްޗެހި ތައާރަފްވެގެން އައިއިރު އަޅުގަނޑު އެކަމުގައި އިސްކޮށް އުޅުނީމަ މި ދާއިރާގައި އަޅުގަނޑުގެ ވަރަށް ބައިވަރު ތަޖުރިބާ އެބަހުރި،"
ކުރީގެ ސީޕީ ހަމީދު

އަދި ހަމަ އެހެންމެ ފުލުހުންގެ ވަޒީފާއިން ރިޓަޔާވުމަށްފަހު ޓެކްނޮލޮޖިކަލް އުފެއްދުންތައް ސަރުކާރުގެ މުއައްސަސާތަކަށް ފޯރުކޮށްދޭ އެހެން ކުންފުނިތަކުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ބުނާ އެއްވެސް ގާނޫނެއް ރާއްޖޭގައި ނެތްކަން ފާހަގަ ކުރައްވާ ހަމީދު އިތުރަށް ވިދާޅުވީ އޭނާ ޒެޓާގެ ވަޒީފާއަށް ނުކުންނެވީ "ކޫލިން ޕީރިއަޑް"ވެސް ނިންމާފައި ކަމަށެވެ.

ހަމީދު ވަނީ އެ މައްސަލަ ތެދުވެރިކަމާއެކު ދެފުށް ފެންނަ ގޮތަކަށް ބެލުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލައްވާފައެވެ.. އަދި އެކަމުގައި އޭނާގެ ފަރާތުން ދެއްވަންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފުލުހުން ބޮޑީ ވޯން ކެމެރާ ރަސްމީކޮށް އިފުތިތާހުކުރީ ފެބްރުއަރީ 13، 2022 ގައި ކަމަށްވާއިރު އެއީ އެކްސްއޮން ބްރޭންޑްގެ "އެކްސްއޮން ބޮޑީ ތުރީ" ގެ ބޮޑީ ވޯން ކެމެރާ އެވެ. މިއީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ފުލުހުން ވެސް މިހާރު އެންމެ އާންމުކޮށް ފުލުހުން ބޭނުންކުރާ އެއް ބްރޭންޑު ވެސް މެއެވެ.