ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު މަގާމުން ރިޓަޔާކުރައްވަން ނިންމަވައިފިއެވެ.

ފުލުހުންގެ އިސްވެރިންތަކެއް ހިމެނޭ ގުރޫޕަކަށް ފޮނުއްވި މެސެޖްގައި ހަމީދުގެ ވިދާޅުވީ އޭނަ އަކީ ކަންކަމުގައި ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާ އަދި ޕްރޮފެޝަނަލް މިންގަނޑުން އަމަލުކުރައްވާ ބޭފުޅަކަށްވާތީ އޭނާއާ މެދު ބައެއް ބޭފުޅުން ގޯސްކޮށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް ސީޕީގެ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު މުއައްސަސާގެ ނަން އޮތީ ކިލަނބުވެއި ކަމަށާއި އެހެންވެ ފުލުހުންގެ ސަފުތައް އަލުން ބަދަހިކުރެއްވުމަށާއި މުއައްސަސާގެ ކުރިމަގަށްޓަކައި އޭނާ މަސައްކަތްކުރެއްވީ އަމިއްލަ ވިސްނުންތަކާއި ހިޔާލުތައް އެއްފަރާތްކޮށްގެން ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ ފުލުހުންނާ މެދު ރައްޔިތުން ކުރާ އުއްމީދުތަކެއް އަދިވެސް ހުރުމާ އެކު ފުލުހުން ކުރަންޖެހޭ އިތުރު ކަންތައްތަކެއް އަދިވެސް އެބަހުރި ކަމަށެވެ. އެހެންކަމުން އޭނާގެ ތަޖުރިބާތައް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހިއްސާކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެން މުއައްސަސާގެ ތަރައްގީއަށް ކުރެއްވި ކަންކަން ފާހަގަކުރައްވާ އެ މަސައްކަތުގައި ފުލުހުންގެ އިސްވެރިންނާއި ހުރިހާ ފުލުހުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ސީޕީ ހަމީދު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރިޓަޔާ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި އެކަން ކުރައްވާނެ ތާރީހެއް ކަަމަށް ބެލެވެނީ އަންނަ މަހުގެ 11 ވަނަަ ދުވަސް ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ފުލުހުންގެ ޗީފް ސްޕްރިންޓެންޑެންޓެއްގެ ހައިސިއްޔަތުން ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ ގޮތުގައި ހުންނަވަނިކޮށް އޮގަސްޓް 2012ގައި ފުލުހުންގެ ވަޒީފާ އިން ހަމީދު ވަކިކޮށްފައިވެ އެވެ. އޭނާއަށް އޭރު ތުހުމަތުކުރީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކުރި ކަމަށެވެ.

އެ މައްސަލާގައި ސީޕީ ހަމީދު ކޯޓަށް ވަޑައިގެން ސިވިލް ކޯޓާއި ސުޕްރީމް ކޯޓުގައި މައްސަލަ ކާމިޔާބު ވެސް ކުރެއްވިއެވެ. އެކަމަކު ހައިކޯޓުންހުކުމް ކުރީ ހަމީދު ވަޒީފާ އިން ވަކިކުރީ ރަނގަޅަށް ކަމަށެވެ. ހަމީދު ވަޒީފާ އިން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ޑިސެމްބަރު 2، 2018 ގައި ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެން އޭނަ އަށް އަލުން ދިނީ ޑިސެމްބަރު 4، 2018 ގަ އެވެ. އޭރު ވެސް ހަމީދު އައްޔަންކުރެއްވީ ފުލުހުންގެ އިންޓެލިޖެންސް ވެރިޔަކަށެވެ.

މިޝަނާ އޮފް ޕޮލިސްގެ މަގާމުގެ ޒިންމާ ވަގުތީގޮތުން ސީޕީ ހަމީދުއާ ހަވާލުކުރެއްވީ ޑިސެމްބަރު 12، 2018 ގައެވެ. ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ރަސްމީކޮށް ހަމީދު އައްޔަންކުރެއްވީ މާޗް 26، 2019ގައެވެ.