ހުޅުމާލޭގައި މީހުން އާބާދުވިތާ 19 އަހަރުވުމާއި ގުޅިގެން ހެލްތް ސްކްރީނިން ޕްރޮގްރާމެއް ކުރިއަށް ގެންދަން އާބަންކޯއިން ނިންމައިފިއެވެ.

އާބަންކޯއިން ބުނީ ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 19 އަހަރު މި މަހުގެ 12 ވަނަ ދުވަހު ފުރިފައިވާއިރު އެކަން ފާހަގަކުރުމަށްޓަކައި އާބަންކޯއިން ވަނީ ގިނަ ހަރަކާތްތަކެއް އިންތިޒާމްކޮށްފައި ކަމަށެވެ. އޭގޮތުން އާބަންކޯ އަދި ހުޅުމާލޭގައި ހިންގަމުން އަންނަ ހޮސްޕިޓަލްތައް ގުޅިގެން ހެލްތް ސްކްރީނިން އިވެންޓެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މިއަދު ހަވީރު 4:00އިން އިރުއޮއްސި 6:00 އާ ހަމައަށް ހުޅުމާލޭގެ ދެ ސަރަހައްދެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވެއެވެ. އެއީ ފޭސް 1 ގެ ރުއްގަނޑު 1 ސަރަހައްދު އަދި ރުއްގަނޑު 3 ސަރަހައްދެވެ.

ރާއްޖޭގައި އާންމުކޮށް ފެންނަ ގައިން ގަޔަށް ނާރާ ބަލިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމްއަކަށް މި ޕްރޮގްރާމްވާއިރު ރުށްގަނޑު 1 ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލުގެ ފަރާރުން ބަލަމުންދާނީ ހިތުގެ ބަލިތަކުގެ ހިރާސްތަށް ކަމަށް އާބަންކޯއިން ބުނެއެވެ. މި 2 ސަރަހައްދުގައި ވެސް ހަކުރު ޓެސްޓު ކުރުން، ބީޕީ އަދި ބީއެމްއައި ބަލުމުގެ އިތުރުން މިކަންކަމާ ގުޅުންހުރި މައުލޫމާތު އާންމުންނަށް ފޯރުކޮށްދޭނެ ކަމަށް ވެސް އާބަންކޯއިން ވަނީ ބުނެފައެވެ.

އާބަންކޯއިން އިތުރަށް ބުނީ ރުއްގަނޑު 3 ސަރަހައްދުގައި ހިޔާ މެޑިކަލް ސެންޓާގެ ފަރާތުން ކުރިއަށްގެންދާނީ ޗައިލްޑް ނިއުޓްރިޝަން އަދި ޑެންޓަލް ޗެކަޕްތައް ކަމަށެވެ. ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިކަހަލަ ހަރަކާތެއް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހަދައި މިކަންކަމަށް އާންމުން އަހުލުވެރި ކުރުވުމެވެ.