އާބަންކޯގެ ފަރާތުން ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ކޮންޓެއިނާ ޕާކުގައި ކެފޭ ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ.

އާބަންކޯއިން ބުނީ ކޮންޓެއިނާ ޕާކުން ދެ ކޮމާޝަލް ސްޕޭސް ދޫކުރުމަށް ހުޅުވާލައިވާ ކަމަށެވެ. އަދި ކޮންޓެއިނާ ޕާކުގެ ގްރައުންޑް ފްލޯއިން 2 ކޮމާޝަލް ސްޕޭސް ދޫ ކުރުމަށް ހަމަޖެހިފައި ވަނީ ކެފޭ އަދި ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ކަމަށެވެ.

ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ދޫކުރަން ހަމަޖެހިފައި ވަނީ 1،188 އަކަފޫޓުގެ ކޮންޓެއިނާއެއް ކަމަށްވާއިރު ކެފޭ ހިންގުމަށް ދޫކުރަން ނިންމާފައި ވަނީ 1،165 އަކަފޫޓުގެ ކޮންޓެއިނާއެއް ކަމަށް އާބަންކޯއިން ބުނެއެވެ. 5 އަހަރު ދުވަހުގެ މުއްދަތަށް ދެތަން ވެސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ އަހަރު އެ 2 ތަނުގެ ކުލީގެ ގޮތުގައި ކޮންމެ އަކަފޫޓަކަށް 15 ރުފިޔާ ނަގާނެ ކަމަށާއި ބާކީ 4 އަހަރު އަކަފޫޓަކަށް 25 ރުފިޔާ ނެގުމަށް ނިންމާފައިވާ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

އާބަންކޯއިން އިތުރަށް ބުނީ އެ ކެފޭ އާއި ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 5،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި ޕްރޮޕޯސަލް އޯޕަނިން މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 13:00އިން 14:00އަށް އާބަންކޯގެ އެގްޒިބިޝަން ސެންޓަރުގައި އޮންނާނެ ކަމަށެވެ.

ރެޑްވޭވް މެގަމޯލް ފަހަތުގައި ހަދާފައިވާ ކޮންޓެއިނާ ޕާކުގައި ޖުމްލަ 5 ތަނެއް ހިންގުމަށް އާބަންކޯއިން ވަނީ ނިންމާފައެވެ. އެއީ މިހާރު ދޫކުރުމަށް ހުޅުވާލާފައިވާ ކެފޭ އަދި ފާސްޓް ފުޑް އައުޓްލެޓްގެ އިތުރަށް 2 ކޯ ވޯކިން ސްޕޭސްއާއި ކޮލެބޮރޭޓިވް ރޫމެކެވެ.