ބްރިޖިން ޓޫރިޒަމް ޑެސްޓިނޭޝަންސް ކޮންފަރެންސްގައި ހުޅުމާލޭގެ އާބަން އައިލްގެ ފުރުސަތުތައް ދައްކާލައިފިއެވެ.
މި މަހުގެ 11 އަދި 12 ވަނަ ދުވަހު ބޭއްވި މޮންޓެގްރޯގެ ބުޑްވާގައި ބޭއްވި މި ކޮންފަރެންސްގައި އާބަންކޯއިން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ އާބަން އައިލްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުވެގެންދާ ފުރުސަތުތަކާއި، ލިބިގެންދާނެ ފައިދާތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނީ، އިންޓަގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް އާބަން އައިލް، އަކީ ހުޅުމާލޭގެ އެއްމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށެއް ކަމަށާއި ހުޅުމާލެއާއި އަދި ރާއްޖޭގެ އިގުތިސާދީ މައި ހަބާ އާބަން އައިލް ގުޅިފައި ވުމުން މި ތަނުގެ ފަތުރުވެރި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމަށެވެ.
ގާތްގަނޑަކަށް 23 ހެކްޓަރުގެ މި ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތަށް ހިމެނޭނެ ކަމަށާއި މިގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރުމުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނޭ ކަމަށް އާބަންކޯއިން ބުނެއެވެ.
މީގެ ތެރޭގައި ލަގްޒަރީ ވިލާ، ސާވިސް އެޕާޓްމަންޓް، ސިޓީ ހޮޓެލް، މިޑްސްކޭލް އަދި އަޕްސްކޭލް ހޮޓެލް އާއި ގެސްޓް ހައުސްތަކުގެ އިތުރުން ބްރޭންޑަޑް ރީޓެއިލް އަދި މަތީ ފަންތިއެއްގެ ރެސްޓޯރަންޓްތައް ވެސް ހުންނާނެ ކަމަށް އާބަންކޯއިން ވަނީ ފާހަގަކޮށްފައެވެ. އާބަންކޯއިން ބުނީ، މިފަދަ ގިނަ ޑިވަލޮޕްމަޏްޓުތަކެއް ހިމެނިފައި ވުމުން، އާބަން އައިލް ވެގެންދާނީ ދިވެހި އަދި ބޭރުގެ ވިޔަފާރިވެރިންނަށް ވެސް އިންވެސްޓު ކުރަން ރަނުގެ ފުރުސަތަކަށް ކަމަށެވެ.
ވެލާނާ އިންޓަނޭޝަލަން އެއާޕޯޓު، ހުޅުމާލެ، އަދި މާލެއާއި އާބަން އައިލް ގުޅިފައި ވުމުގެ އިތުރުން، މިތަނުގައި ގާއިމުކޮށްފައިވާ އަދި ކުރަމުންދާ އިންފްރާސްޓްރަކްޗާގެ ސަބަބުން މިތަނުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ގިނަގުނަ މަންފާ ލިބިގެންދާނެ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.
އާބަންކޯއިން ބުނީ، އާބަން އައިލްގައި ހިމެނޭ ޔޫޓިލިޓީ ނެޓްވޯކް، އޯޕަން އެކްސެސް ނެޓުވޯކަކާއެކުވާ ސްމާޓް އިންފްރާސްޓްރަކްޗާއެއް، އެކުންފުނިން މިވަގުތު ގާއިމު ކުރަމުންދާއިރު، ވަރަށް ބޮޑަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް މުޅި ޕްރޮޖެކްޓު ތަރައްގީ ކުރުމަށް ކުންފުނިން އިސްކަންދޭ ކަމަށެވެ. އަދި އިންވެސްޓަރުންނަށް ލީސް މޮޑެލް، އަދި ޖޮއިންޓް-ވެންޗަރ މޮޑެލްގެ އިތުރުން އެހެނިހެން މޮޑެލް ތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެހެން ވަރަށް ލުއި ގޮތްތަކެއް ރާވާފައިވާ ކަމަށް އާބަންކޯއިންބުނެއެވެ.