ދިވެހިރާއްޖޭގެ ރިސޯޓުތައް މަދު އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިސޯޓުތައް މަދު އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ރައީސް ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެެވެ.
ރައީސް ވިދާޅުވީ އެ އަތޮޅުތަކުގެ ތެރޭގައި ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ތ. އަތޮޅު، ލ. އަތޮޅު އަދި އައްޑޫ ސިޓީ ހިމެނޭ ކަމަށެވެ.
ޓޫރިޒަމް ތަރައްގީވެފައި ނެތް އަތޮޅުތަކުގައި ޓޫރިޒަމް ފުޅާ ކުރުމަށް މަސައްކަތް ކުރާނީ އިންވެސްޓަރުންނަށް ލުއިތަކެއް ދީގެން ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެ މަސައްކަތް ކުރިއަށް ގެންދާނި އިންވެސްޓްމަންޓްތަކާއި ޓޫރިޒަމްގެ އިގްތިސާދީ ހަރަކާތްތަކަށް ހިތްވަރުލިބޭ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ޕަބްލިކް ޓްރާންސްޕޯޓް އިންފްރާސްޓްރަކްޗާއަށް ކުރަމުންދާ މަސައްކަތްތަކާއެކު މި ދަނޑިވަޅަކީ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ވެސް އެންމެ ރަނގަޅު ވަގުތުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު އަންނަ ހަފްތާގައި އެންވަޔަރަމެންޓް މިނިސްޓްރީއިން ހާމަކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ޓޫރިޒަމް ތަރައްގީވެފައި ނެތް އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީ ކުރުމަކީ ރައީސް މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެކެވެ. އަދި މި އަހަރުގެ ރިޔާސީ ބަޔާން ދެއްވަމުން ވެސް ރައީސް ވަނީ އެފަދަ ސަރަހައްދުތަކުގައި ޓޫރިޒަމް ފުޅާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.