އައްޑޫ ސިޓީ ހަންކެޑެއަކީ ހަލާލް ޓޫރިޒަމް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
ފަތުރުވެރިކަން ތަރައްގީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން 6 ސަރަހައްދެއްގައި ހަލާލު ޓޫރިޒަމް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ހާމަކުރެއްވީ މިދިޔަ ހުކުރު ދުވަހުއެވެ.
އައްޑޫ ސިޓީގެ ހަންކެޑެ (LD0219) "ހަލާލް ޓޫރިޒަމް" ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމަވާފައިވާކަން ފާހަގަކޮށް ޓޫރިޒަމް މިނިސްޓްރީއިން ބުނީ ރައީސްގެ މި ނިންމެވުމާ ގުޅިގެން މި މަޝްރޫއު ތަންފީޒުކުރުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރައާތުތަކުގެ މަސައްކަތް މިހާރު ޓޫރިޒަމް މިނިސްޓްރީއިން ކުރަމުންދާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީއިން ބުނީ ހަލާލު ޓޫރިޒަމަކީ ހާއްސަކޮށް މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެހެން ހުރިހާ މެހެމާނުންނަށް ވެސް މެހެމާންދާރީ އަދާކުރެވޭ ގޮތަށް، ފަރުވާ ކުރެވިފައިވާ ހިދުމަތްތަކެއް ކަމަށެވެ. އަދި މި ކޮންސެޕްޓް ތަންފީޒުކުރެވިގެން ދާނީ ރިސޯޓު ތަރައްގީކުރެވޭ މަރުހަލާގެ ތެރެއިންނާއި އަދި ރިސޯޓް އޮޕަރޭޝަންސްގެ މަރުހަލާގައި ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީގެ ހަންކެޑެގައި ތަރައްގީ ކުރެވިގެންދާ "ހަލާލް ޓޫރިޒަމް"ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެކަން ޓޫރިޒަމް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދައިން ތަރައްގީ ކުރާ ރިސޯޓުތަކުގެ ސަބަބުން މި ސަރަހައްދުތަކުގައި ވަޒީފާ އުފެދި އިގުތިސޯދީ ދުވެލި ހަލުވިވެގެންދާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.
އައްޑޫ ސިޓީގެ އިތުރުން ހާލާލް ޓޫރިޒަމް ތަރައްގީ ކުރުމަށް ދެން ހަމަޖެހިފައި ވަނީ ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ތ. އަތޮޅު އަދި ލ. އަތޮޅުގައެވެ.