ހަލާލް ޓޫރިޒަމަށް ހާއްސަ ޕްރޮޖެކްޓްތަށް ހިމެނޭ، އިންވެސްޓަރުންނަށް ލުއިލިބޭ ޓޫރިޒަމްގެ 31 ޕްރޮޖެކްޓެއް އިއުލާނުކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީއިން ބުނީ ހއ، ހދ، ށ، ތ، ލ އަދި ސ އަތޮޅުން ކޮންމެ އަތޮޅެއްގައި ހަލާލް ޓޫރިޒަމްގެ 1 ޕްރޮޖެކްޓް ހިންގަން ނިންމާފައިވާ ކަމަށެވެ.
ހަމައެއާއެކު އަތޮޅުތަކުން އޯޕަން ބިޑިން އަދި ކްލޯޒް ބިޑިންއަށް ޕްރޮޖެކްޓަކެއް ޓޫރިޒަމް މިނިސްޓްރީއިން ވަނީ އިއުލާނުކޮށްފައެވެ.
އެއީ:
ކޮލޯޒް ބިޑިންގެ ދަށުން:
- ހއ އަތޮޅުން 2 ޕްރޮޖެކްޓް
- ހދ އަތޮޅުން 5 ޕްރޮޖެކްޓް
- ތ އަތޮޅުން 3 ޕްރޮޖެކްޓް
- ލ އަތޮޅުން 2 ޕްރޮޖެކްޓް
އޯޕަން ބިޑިންގެ ދަށުން:
- ހއ އަތޮޅުން 3 ޕްރޮޖެކްޓް
- ހދ އަތޮޅުން 5 ޕްރޮޖެކްޓް
- ށ އަތޮޅުން 3 ޕްރޮޖެކްޓް
- ތ އަތޮޅުން 2 ޕްރޮޖެކްޓް
- ލ އަތޮޅުން 1 ޕްރޮޖެކްޓް
އެ ސަރަހައްދުތަކުގައި ރިޒޯޓު ތަރައްގީކޮށް އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އުސޫލެއްގެ ދަށުން ލުއިތަކެއް ހަމަޖައްސަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
އެ ލުއިތަކަކީ:
- އޯޕަން ބިޑިންގެ އުސޫލުން ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށްދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާބެހޭ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގެ ލީސް އެކުއިޒިޝަންގެ ޕާ ހެކްޓަރު ރޭޓްތައް ވަނީ ކުޑަކުރުން
- ކްލޯޒް ބިޑިންގެ ދަށުން ތ އަތޮޅުގެ ރަށްރަށަށް އިން ލޮކޭޝަން ޕްރެމިއަމް އުނިކުރުން
- ހއ، ހދ، ށ، ތ އަދި އައްޑޫ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް ފަޅުތަކުން އުނިކުރުން
- ލ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރެމިއަމް 150،000 އެމެރިކާ ޑޮލަރުން 100،000 އެމެރިކާ ޑޮލަރަށް ކުޑަކުރުން
- ހއ، ހދ، ށ ތ އަދި ލ އަތޮޅުގެ ފަޅުތަކުގެ ޕްރީމިއަމް 30 ޕަސެންޓް ކުޑަކުރުން.
- ހއ، ހދ ، ށ، ތ، ލ އަދި އައްޑު އަތޮޅުގެ 20 – 40 ހެކްޓަރުގެ ރަށްތަކަށް ދީފައިވާ ސައިޒް ޕްރެމިއަމްތައް އުނިކުރުން
- 6 އަތޮޅުގެ 40 ހެކްޓަރަށްވުރެ ބޮޑެތި ރަށްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައް 2،000،000 އެމެރިކާ ޑޮލަރުން 1،000.000 އެމެރިކާ ޑޮލަރަށް ކުޑަކުރުން
- އޯޕަން ބިޑިން އުސޫލުން ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރުމަށް ދެވޭ ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން ތަން ތަރައްގީކޮށް ހުޅުވުމުން، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުން
- އޯޕަން ބިޑިން އުސޫލުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގެ ޑިއުޓީ މައާފް ކުރެވޭ އިންސައްތަ 15 އިންސައްތައަށް އިތުރުކުރުން އަދި ޑިއުޓީ މާފުކުރެވޭ ކެޓަގަރީތައް އިތުރުކުރުން.
- މި ލުއިތަކުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސް، އިކުއިޕްމަންޓް، އިލެކްޓްރޯނިކް އަދި އެމިނިޓީސް ޑިއުޓޯ މައާފް ކެޓެގަރީއަށް އިތުރުކުރުން
- އޯޕަން ބިޑިންއަށް ހުޅުވާލާ ރަށްތަކާއި ފަޅުތަކުގެ ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ މަގު ފަހިކުރުން.
ޓޫރިޒަމް މިނިސްޓްރީއިން ބުނީ މި ލުއިތަކުގެ ސަބަބުން އެ އަތޮޅުތަކުގައި ޓޫރިޒަމް ފުޅާވެ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އާ ވަޒީފާތަކާއި ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، މި ސަރަހައްދުތަކުގައި ދިރިއުޅޭ އާއިލާތަކާއި ރަށު ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުވުމާއި އިގްތިސާދީ ހަރަކާތްތައް ފުޅާވެގެން ދާނެކަން ޓޫރިޒަމް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.
އޭގެ ނަތީޖާ އެއްގެ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފަތުރުވެރިކަމުގެ ސިނާއަތުން ނަފާ ލިބޭނެ މަގުފަހިވެގެންދާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ބުނެފައެވެ.