ހަލާލް ޓޫރިޒަމަށް ހާއްސަކޮށް ރާއްޖޭގެ ވަކި ރަށްތަކެއް ކަނޑައަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހަލާލް ޓޫރިޒަމަށް ހާއްސަކޮށް ރަށްތަކެއް ކަނޑައަޅުއްވާނެކަން ރައީސް އިއުލާނުކުރައްވާފައި ވަނީ މިއަދު އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މުޅި ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ ކަމަށެވެ. އަދި ދެމެހެއްޓެނިވި ޓޫރިޒަމަ އިންޑަސްޓްރީ ތަރައްގީ ކުރުމާއި މެހެމާންދާރީގެ ރޮނގުން ރާއްޖެއަކީ ނަމޫނާ ގައުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މި މަސައްކަތުގައި އިންވެސްޓަރުންނަށް ހިތްވަރު ދިނުމަށްޓަކައި ބޮޑެތި އިނާޔަތްތައް ފޯރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއިން އަންނަ ހަފްތާގައި މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ހާމަކުރައްވާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިންވެސްޓަރުންނަށް ރާއްޖެއިން މަރުހަބާ ކިޔާނޭކަމުގެ ޔަގީންކަން ރައީސް ދެއްވެވިއެވެ.