ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް ހަންކެޑެ ނުހިންގޭނެ ކަމަށާއި އެކަމަށް އެރަށް ހާއްސަކުރަން މި ސަރުކާރުން ނިންމީ އައްޑޫގެ ތަރައްގީއަށް ހުރަސް އަޅަން ކަމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ހަލާލު ޓޫރިޒަމަށް ސަރުކާރުން ހުޅުވާލި ހަ ރަށުގެ ތެރޭގައި އައްޑޫގެ ހަންކެޑެ ހިމެނޭތީ ގިނަ ބަޔަކު އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މި ގޮތުން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑުއަށް 400 މިލިއަން ޑޮލަރުގެ އަގުބޮޑު އިންވެސްޓްމަންޓުތައް އެމްޑީޕީން ޔަގީންކޮށްދީފައި ވަނިކޮށް، ހަންކެޑެ ހަލާލް ޓޫރިޒަމަށް މިސަރުކާރުން ހާއްސަކުރީ އެ މަޝްރޫއު ކުރިއަށް ނުގެންގޮސް، ހުއްޓައިލުމަށް ކަމަށެވެ.
މިކަމަކީ އައްޑޫގެ ތަރައްގީއަށް ހުރަސް އަޅައި ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވުން ހުއްޓުވުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން ފައްޔާޒު ވިދާޅުވީ އައްޑޫ ސިޓީގައި ހިއްކާފައިވާ ރަށްރަށް ހަލާލް ޓޫރިޒަމަށް ހާއްސަ ކުރެވިދާނެ ކަމަށެވެ.
ފައްޔާޒުގެ އިތުރުން އައްޑޫ ސިޓީ ކައުންސިލަރު ޒަރީރު ހުސައިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ “އައްސޭރި ޓޫރިޒަމް” އަށް ވީގޮތެއް ނޭގިތިއްބާ ދޮޅުއަހަރު ފާއިތުވިފަހުން “ހަލާލު ޓޫރިޒަމަށް” ބަދަލުވެއްޖެކަމަށެވެ. "ދެން އަންނާނީ "ޑްރޯންބޭސް ޓޫރިޒަމް".! މިއިން އެއްވެސް މޮޑެލް އަކަށް ޕްރޮޕަޓީއެއް ވުޖޫދުވާތަނެއް ނުފެނޭ. މި އަރަތައަށް ބަލައިގެން އައްޑޫގެ ޓޫރިޒަމް ޕްރޮޑަކްޓް ބްރޭންޑްކޮށް މާކެޓްކޮށް ޕޮޒިޝަންކުރަން ބަޔަކަށް އެގޭނެބާ؟." ޒަރީރު ވިދާޅުވިއެވެ.
އައްޑޫސިޓީގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމާއި އަދި އިގްތިސާދީ ތަސައްވުރަށް ފަހިމަގެއް ތަނަވަސްކޮށް ދެވޭގޮތަށް ސަރުކާރުގެ ސިޔާސަތުތަކާ އަމަލު ނުހުންނާތީ ހިތާމަކުރާ ކަމަށެވެ. އެއްވެސް ބެލުމެއްނެތި އައްޑޫސިޓީގެ ތަރައްގީއަށް ހެދިފައިވާ ޕްލޭންތަކާއި ފުށުއަރާގޮތަށް ސަރުކާރުން އަމަލުކުރަމުންދާ ކަމަށް ޒަރީރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އެހީތެރިކަމެއް ނުލިބި އައްޑޫގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ވިޔަފާރިތަކާ، މަސްލަހަތުވެރިންނާ އަދި އަމިއްލަ ފަރުދުން ގުޅިގެން އައްޑޫ ސިޓީގެ ޓޫރިޒަމް ކުރިއަރުވަން ކުރާ ބުރަ މަސައްކަތަށް މަލާމާތްކުރުމާއި، އިތުރު ގޮންޖެހުމާއި ހުރަސްތައް ކުރިމަތިކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޒަރީރު ވިދާޅުވިއެވެ.
ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓަކީ ގިނަބައެއްގެ ބައިވެރިވުމާއި ވަގުތާއިއެކު ބުރަމަސައްކަތުން ޕްލޭންކުރެވި ފައިސާ ހަމަޖެހިފައިވާ، އައްޑޫގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގޭ ހުރިހާ އިގްތިސާދީ ހަރަކާތްތަކާއި އަދި އަލަށް ގާއިމްކުރެވުނު އިންފްރާސްޓްރަކްޗާ އާއި ގުޅިލާމެހިފައިވާ، އުއްމީދީ އިގްތިސާދީ މުހިއްމު ޕްރޮޖެކްޓެއްކަން ޒަރީރު ވަނީ ފާހަގަކުރައްވާފައެވެ. "އެހެންނަމަވެސް، ސަރުކާރުގެ ވައުދާ އެއްގޮތަށް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ކުރިއަށްގެންދިއުމުގެ މަގެއް ފަހިކުރުމުގެ ބަދަލުގައި، އެއްވެސް ދިރާސާއެއް އަދި މަޝްވަރާކުރުމެއްނެތި އަނެއްކާވެސް އާހެޑްލައިންއެއް ހަދަން މުޅި ޕްލޭން އަދި ކޮންސެޕްޓާއި އޮޕަރޭޓްކުރަން ބޭނުންވާ މޮޑެލް މިފަދަ ގޮތަކަށް ބަދަލުކުރުމުގެ ސަބަބުން އައްޑޫގެ ޓޫރިޒަމަށް ކުރަމުން އަންނަ އުއްމީދުތަކާއި މަސައްކަތަށް ކުރިމަތިވެދާނެ ހުރަސްތަކާއި އަދި ނުކުމެދާނެ ނުބައި ނަތީޖާ އާކާއިމެދު ނުހަނު ކަންބޮޑުވޭ" ޒަރީރު ވިދާޅުވިއެވެ.
ހަންކެޑެ ތަރައްގީކުރަން 2005 ވަނަ އަހަރުން ފެށިގެން އެކިއެކި ސަރުކާރުތަކުގައި މަސައްކަތްކޮށްފައިވާއިރު މި ސަރުކާރުންވެސް ވަނީ އެ މަޝްރޫއު އަލުން އިފްތިތާހުކޮށްފައެވެ.