ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑާ ކުރައްވާފައިވާ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ ނިންމުންތަކުގެ އިސްތިއުނާފުގެ މައްސަލަ ސްޕްރީމް ކޯޓުންވެސް ދަމަހައްޓައިފިއެވެ.
ފުއްގިރި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތައް އެމަނިކުފާނުގެ ފަރާތްޕުޅުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގައި މިރޭ އެ ކޯޓުގައި ބޭއްވި ހުކުމް ކުރުމުގެ މަޖިލީހުގައި މި ގޮތަށް ނިންމާފައިވަނީ އެ ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ސްޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. އަދި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަޑިޔާރު ހުސްނުއްސުއޫދެވެ.
ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ދައުވާއެވެ. އަދި މި މައްސަލައިގައި ދައުލަތުން ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުނި މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކޮށްފައެވެ.
ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ ގުޅުން އޮތް ހެއްކާ ގުޅޭ ކަންކަމަކީ ކޮބައިކަން ސުޕްރީމް ކޯޓުގެ މީގެ ކުރީގެ ގަޒިއްޔާތަކާއި ހެއްކާބެހޭ ގާނޫނުގެ އަލީގައި ހާލަތްތަކާއެކު ސާފު ކޮށްދެއްވާފައެވެ. ހުސްނުއް ސުއޫދު ވިދާޅުވީ ހައިކޯޓުގެ ނިންމުމުގައި އޮއްކޮން ހެކިތައް ބަލައިގަތުމަށް ނިންމިދާނެކަމަށް ބަޔާންކޮށްފައިވާ ނުކުތާއަކީ ރަނގަޅު ނުކުތާއެއް ނޫން ކަމަށާއި ހެކި ބަލައިގަންނަން ނިންމާއިރު ވަކިވަކިން އެ ހެއްކެއް އާންމު މީހަކަށްވެސް ވިސްނޭނެ ގޮތަށް ބަޔާންކުރަންވާނެ ކަމަށެވެ.
މި މައްސަލާގައި ހެކިތައް ބަލާގަތުމަށް ނިންމާފައިވާ ނިންމުމުގެ ސަބަބުން އިންސާފު ގާއިމުކުރުމަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެކަން ސާބިތުކޮށްދެވިފައިނުވާތީ ހެކި ބަލައިގަތުމަށް ނިންމި ނިންމުން އަލުން ކުރިމިނަލް ކޯޓުން ބަލަންޖެހޭނެކަމަށް ކަނޑައަޅަންޖެހޭ ސަބަބެއް ނެތްކަމަށް ވެސް ހުސްނުއް ސުއޫދު ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ކްރިމިނަލް ކޯޓުގައި ފެށުމުގެ ކުރިން ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށާއި ބައެއް ސިއްރު ހެކިތައް ހާމަ ކުރުމަށް ޔާމީންގެ ފަރާތްޕުޅުން އެދުނު ނަމަވެސް ކޯޓުން ބަލައިގެންފައެއް ނުވެއެވެ. އެގޮތުން ދައުލަތުން ހުށަހެޅި ބައެއް ހެކިތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެއެވެ.
އެކަމާ ގުޅިގެން ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ ހެއްކާބެހޭ ގާނޫނުގެ އުސޫލުތައް މާޒީއަށް ތަތުބީގު ކުރުމަކީ ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށާއި ހެކިތަކުގެ އަދާވަތްތެރިކަމާއި ގުޅޭގޮތުން ޝަރީއަތުގައި ތައުނު ކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލިގެން ގޮސްފައިނުވާތީ އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަތުމަށް ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް އޮތްކަމަށް ދެކިނުލައްވާ ކަމަށެވެ.
މީގެ އިތުރުން ހެކި ހާމަކޮށްދިނުމަށް އެދި ހުށަހެޅުމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 129 ވަނަ މާއްދާ ނުބައިކޮށް މާނަކޮށްފައިވާކަމަށް ބަޔާންކުރައްވައި ހުށަހެޅުއްވި ނުކުތާއާ ގުޅިގެން ހުސްނުއް ސުއޫދު ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ދައުލަތްކަމަށް މާނަކުރެވޭނީ ތަހުގީގީ އިދާރާތައް ކަމުގައިވާތީ ތަހުގީގެއްގެ ތެރެއިން އެ އިދާރާއެއްގައި ހުންނާނެކަމަށް ބެލެވޭ ލިޔުންތައް ފިޔަވައި އެހެން ލިޔުންތައް ހާމަކުރަންނުޖެހޭނެ ކަމަށާއި އެހެންނަމަވެސް މައްސަލައަކަށް މުހިއްމުވާ ލިޔުމެއް އިދާރާއެއްގައި ހުރިނަމަ އެ ލިޔުމެއް ނުވަތަ މައުލޫމާތެއް ހާމަކުރުމުގެ އަމުރު ޖިނާއީ އިޖުރާއާތުގެ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ނެރެވިދާނެ ކަމަށެވެ. ވުމާއެކު އެ ނުކުތާގައިވެސް ކުރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކުރާނެ ތަނެއް ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ.
ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. އޭގެ ދެ މަސް ފަހުން ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް އަމުރު ކުރި ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ވެސް މިހާރު ވަނީ ހައިކޯޓަށް ބަލައިގެންފައެވެ.