މީގެ 16 އަހަރު ކުރިން ޏ. ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި އެ ރަށު މެކޯ، އަބްދުﷲ ޝުހާދު މަރާލި މައްސަލާގައި، އެ ރަށު ކަރަންކާއާގެ، ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށް، އެ ހުކުމް ދަމަހައްޓައިފިއެވެ.

ޖެނުއަރީ 2010 ގައި ފުވައްމުލަކުގައި ހިންގި ދެ ގްރޫޕެއްގެ މާރާމާރީއެއްގެ ތެރެއިން، ޝުހާދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މައްސަލާގައި ފަރީދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ހުކުމް ކުރީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، 2017 ވަނަ އަހަރު ހައި ކޯޓުންވެސްވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ. އަދި އެ ނިންމުން ފަރީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން، ސުޕްރީމް ކޯޓުން މިހާރުވަނީ މި މައްސަލައިގެ އެންމެ ފަހުގެ ނިންމުން ނިންމާފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށްދިޔައިރު ފަރީދުގެ ފަރާތުން ވަކީލެއްގެ އެހީތެރިކަން ހޯދާފައެއް ނުވެއެވެ. އަމިއްލައަށް ކޯޓުގައި ވާހަކަ ދައްކަމުން އޭނާ ފާހަގަކުރީ ތަހުގީގުގައި ގޯސްތަކެއް ހުރި ކަމަށާއި ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ކަމަށެވެ. ނަމަވެސް މި ވާހަކަތައް އޭނާ ފާހަގަކޮށްފައިވަނީ ޝަރީއަތް ނިންމުމުގެ މަރުހަލާއާ ހަމައަށް ގޮސްފައި އޮއްވައެވެ.

ސުޕްރީމް ކޯޓުން މި މައްސަލައިގެ ހުކުމުގައި މައިގަނޑު ގޮތަކަށް ބުރަވެފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ ޝަރީއަތަށް ހުށަހެޅުނު 7 ހެކިންގެ ހެކިބަހުން، ހަމަލާދިން ވަގުތު އެ ސަރަހައްދުގައި ފަރީދު ހުރިކަން ސާބިތުވެއެވެ. އަދި ފަރީދު ފިޔަވައި އެހެން އެއްވެސް މީހަކު ޝުހާދަށް ހަމަލާދިން ކަމަށް އެއްވެސް ހެކިވެރިޔަކު ބުނެފައެއް ނުވެއެވެ.

މީގެ އިތުރުން ޝުހާދަށް ހަމަލާދީފައިވަނީ އޭނާގެ ކަނާއަތު އަރިކައްޓަށް ތޫނު އެއްޗެއް ފުންކޮށް ހަރައިގެން ކަމާއި، އޭގެ ސަބަބުން މޭގެ މަސްގަނޑު ފޫއަޅުވައި، ކަނާއަތު ފުއްޕާމެއަށާއި ޑައިފްރޮމްއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން މެޑިކަލް ލީގަލް ރިޕޯޓުން ހާމަވެއެވެ. އެހެންކަމުން ކޯޓުން ނިންމާފައިވަނީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން އިންސާނެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ނާޒުކު ގުނަވަނަކަށް ހަމަލާދީފައިވުމުން، ޝުހާދު މަރާލުމުގެ ގަސްދު ނުވަތަ ނިޔަތް ފަރީދުގެ އޮތްކަން ސާބިތުވާ ކަމަށެވެ.

މި މައްސަލައިގައި ދަށު ކޯޓުތަކެކޭ އެއްފަދައިން ސުޕްރީމް ކޯޓުގެ މަރުހަލާގައިވެސް ޝުހާދުގެ ވާރިސުންގެ ބަސް ހޯދާފައިވާއިރު، ވާރިސުން އެދިފައިވަނީ ޝަރީއަތުން ކަނޑައަޅާފައިވާ ގޮތަށް މަރަށް މަރު ހިފުމަށެވެ. ސުޕްރީމް ކޯޓުން މި ގޮތަށް ކަނޑައަޅާފައިވަނީ މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެހެންކަމުން ހުރިހާ މަރުހަލާއެއްގެ ޝަރީއަތް ނިމި، ފަރީދު މެރުމަށް ކުރި ހުކުމް މިހާރުވަނީ ސުޕްރީމް ކޯޓުން ފައިނަލް ކޮށްފައެވެ.