ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
ސަމީރު ސުޕްރީމް ކޯޓަށް އައްޔަންކުރަން ފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީން މިދިޔަ ބުދަ ދުވަހު ފާސްކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ ސަމީރު ސުޕްރީމް ކޯޓަށް އައްޔަންކުރަން ފެނޭތޯ ވޯޓަށް އަހާފައެވެ. ވޯޓުގައި ބައިވެރިވި 55 މެންބަރުން ވެސް ވަނީ ސުޕްރީމް ކޯޓަށް ސަމީރު އައްޔަންކުރަން ފެންނަ ކަމަށް ވޯޓުދީފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވަނީ، މިހާރު އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވިއަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވާތީއެވެ. މި މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި އަލީ ސަމީރުގެ އިތުރުން ދެން ކުރިމަތިލެއްވީ ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 148 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރައްވާނީ ޖޭއެސްސީގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާ ނަންތަކުގެ ތެރެއިން، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ.
