މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންފީ)ގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަހު ފުއްދާނެ ވައުދު އިއުލާން ކޮށްފިއެވެ.
އެމްއެންޕީގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދާނެ ވައުދެއްގެ ގޮތުގައި ފާހަގަ ކުރަމުން ޕާޓިގެ ލީޑަރު ނާޒިމް ވިދާޅުވީ، ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދާނެ ކަމަށެވެ.
ލ.ގަން، މުކުރިމަގުގައި އެމްއެންޕީގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަމުން ނާޒިމް އިތުރަށް ވިދާޅުވީ 10 އަހަރުވެގެން މިދިޔަ 2 ދައުރުގައި އެރަށަށް ކޮށްދެވުނީ ކޮންކަމެއްތޯ ރަށުގެ ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ.
އަދި ވޭތުވެދިޔަ ސަރުކާރުތަކުން ލ. ގަމު ދާއިރާއަށް އިހުމާލުވެފައިވާ މިންވަރަށް އިޝާރާތް ކުރައްވަމުން ނާޒިމް ވިދާޅުވީ، ގަމުގެ 3 އަވަށަށް ބަލާލިއަސް ކަރަންޓާއި ފެނާއި އަދި ނަރުދަމާ އަޅާލުމަކުން ނުފުދޭކަމަށާއި، އެއްވެސް ތަރައްޤީއެއް އަދި ރައްޔިތުންގެ ޖީބަށް އެއްޗެއް ލިބޭނެގޮތެއް ހެދުނުތަނެއް ނުފެންނަކަމަށެވެ.
އެއާޕޯޓަށް އިތުރު ކުރިއެރުމެއް ލިބިފައި ނެތްކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ކައްދޫ އެއާޕޯޓަށް ދިއުމުން ފެންނަނީ އެއްމަންޒަރެއް ކަމަށާއި، ޒުވާން އުމުރުފުރައިގައި ފެނުނު ކައްދޫ އެއާޕޯޓު އަދިވެސް ފެންނަކަމަށެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕާޓިގެ ރައީސްގެ އިތުރުން އެމްއެންޕީގެ ނާއިބް ރައީސް އަބްދުﷲ ރިޔާޒުއާއި ނާއިބް ރައީސް މުހައްމަދު ޝިހާބްގެ އިތިރުން ލ. އިސްދޫ ދާއިރާގެ ރައީސާ ހައްވާ އިނާ ބައިވެރިވެވަޑައިގެންނެވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކެމްޕެއިން ފޯރީގައި ކުރިއަށްދާއިރު ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލުކުރުމް މިމަހުގެ 26 ވަނަ ދުވަހަށް ވަނީ ހާއްސަ ޖަލްސާ އެއް ތާވަލުކޮށްފައެވެ.