ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ކުދި ފަންތި އާއި މެދު ފަންތީގެ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ކުންފުނިތަކުގެ މާލީ ދެމެހެއްޓެނިވިކަން ހަރުދަނާކުރުމަށް، ވޯލްޑް ބޭންކުން އެހީވާން ނިންމައިފިއެވެ.

ރާއްޖޭގެ ކުދި ފަންތި އާއި މެދު ފަންތީގެ ވިޔަފާރިތަކުގެ ވާދަވެރިކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވޯލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ "މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތް ޕްރޮޖެކްޓް"ގެ ނަމުގައި 15 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފާސްކޮށްފައެވެ. ވޯލްޑް ބޭންކުން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން:

  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެ
  • އެ ކުންފުނިތަކުގެ މާލީ ދެމެހެއްޓެނިވިކަން ހަރުދަނާކުރެވިގެން ދާނެ
  • ކުންފުނިތަކުގެ ގާނޫނީ އޮނިގަނޑު އިސްލާހުކޮށް، ފައިސާ ލިބޭނެ މަގުތައް ތަނަވަސްވެގެން ދާނެ
  • ކަމާބެހޭ ފަރާތްތަކުގެ ގާބިލްކަން އިތުރުކުރެވިގެން ދާނެ

ވޯލްޑް ބޭންކުން ބުނީ، އެ މަޝްރޫއު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ހޮވާލެވޭ ކުންފުނިތަކެއްގައި ކަމަށެވެ. އެ މަޝްރޫއުގެ އަމާޒަކީ އެ ބޭންކުން ބުނި ގޮތުގައި، އެ ކުންފުނިތަކާ މަތިކޮށްފައިވާ އާންމު ހިދުމަތްތަކުގެ މަސްއޫލިއްޔަތުތަކާއި ކުންފުނިތަކަށް ދެވޭ ސަބްސިޑީތައް އިސްލާހުކުރުމަށް ސަރުކާރަށް އެހީތެރިވުމެވެ.

ހަމަ އެއާއެކު، އެ މަޝްރޫއުގެ ދަށުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ވިޔަފާޜި ލޯނުތައް ހޯދުމުގައި ރާއްޖޭގެ އަމިއްލަ ކުދި ފަންތި އާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމާއި، އޭގެ ތެރެއިން ވެސް ހޮވާލެވޭ ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ވެސް ވޯލްޑް ބޭންކުން ބުންޏެވެ.

މި މަޝްރޫއާ ގުޅޭގޮތުން ރާއްޖެ އާއި ލަންކާ އާއި ނޭޕާލަށް ވޯލްޑް ބޭންކުން ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާޑު-ޒާވޮސް ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް ބޮޑެތި އަސަރު ކޮށްފައިވާ ކަމަށެވެ.

"މި މަޝްރޫއުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ހުރި އިގްތިސޯދީ ފުރުސަތުތައް ފުޅާވެ، ސަރުކާރު ހިއްސާވާ ވިޔަފާރިތަކަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް މަގުފަހިވެގެން ދާނެ. އަދި މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ މާލީ ހާލަތު ކުރިއެރުވުމަށް ވެސް އެހީތެރިކަން ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ރާއްޖެ އަކީ މަތީ މެދު ފަންތީގެ އާމްދަނީ އެއް ލިބޭ ގައުމެއް ނަމަވެސް، ރާއްޖޭގެ އިގްތިސޯދު ބަރޯސާވެފައި ވަނީ މަދު ސިނާއަތްތަކެއްގެ މައްޗަށް ކަން ފާހަގަކޮށް ވޯލްޑް ބޭންކުން ބުނީ، ރާއްޖޭގެ އިގްތިސޯދީ ދުވެލި ދަށްވެ، ސަރުކާރުގެ ހަރަދުތަކާއި ދަރަނީގެ މައްސަލަތައް ބޮޑުވެފައިވާ ކަމަށެވެ. އެ މައްސަލަތައް ހައްލުކުރުމަށްޓަކައި ރާއްޖޭން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އެ ބޭންކުން ފާހަގަކުރިއެވެ.

މި މަޝްރޫއު ކުރިއަށް ގެންދާނީ ފިނޭންސް މިނިސްޓްރީން ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ހަރަދުކުރާ 15 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނެނީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ބޭންކުން އެކުލަވާލާފައިވާ ހާއްސަ ގޮތްޕެއް ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 7.5 މިލިއަން ޑޮލަރުގެ ލޯނާއި 7.5 މިލިއަން ޑޮލަރުގެ ހިލޭ އެހީއެވެ.