ދިވެހިރާއްޖެއަށް ދިމާވެފައިވާ ދަރަނީގެ މައްސަލައިން އަރައިގަންނަން މާލީ ލަފައާއި ފަންނީ އެހީތެރިކަން ހޯދަން ސަރުކާރުން ރާއްޖެއިން ބޭރުގެ ފާމެއް އައްޔަންކޮށްފިއެވެ.
ސަރުކާރުން އައްޔަންކޮށްފައިވަނީ އެމެރިކާގެ ފާމެއް ކަމަށްވާ ސެންޓަވިއުއެވެ. އިންވެސްޓްމަންޓާއި މާލީ ލަފާދޭ ސެންޓަވިއު ޕާޓްނާސްއަކީ 2006 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ.
މާލީ ދަތިކަމުން ސަލާމަތްވުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާއިރު، ދަރަނީގެ ކަންކަމުގައި އެމެރިކާގެ މައި އޮފީސް ހުންނަ ސެންޓަވިއު އައްޔަންކުރިކަން ރޮއިޓާސް އިން ރިޕޯޓްކުރީ ދެ މަސްދަރާ ހަވާލާދީ އެވެ. ނަމަވެސް އެ ތަފުސީލެއް އެ ނޫހުން ހާމައެއް ނުކުރެއެވެ. ރާއްޖެއިން ދަރަނީގެ ކަންކަމުގައި ލަފާ ހޯދަން އެ ކުންފުނި އައްޔަންކޮށްފައިވާ ކަމަށް 'ރެއުޓާސް'ގައި ރިޕޯޓްކޮށްފައިވާއިރު މިކަމާއި ގުޅިގެން ސަރުކާރުން އަދި އެއްވެސް ވާހަކައެއް ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖޭގެ ދަރަނީގެ މައްސަލަ ބޮޑުވެ، 2026 ވަނަ އަހަރު ރާއްޖެއިން ދައްކަންޖެހޭ ސްކޫކަކަށް ފައިސާ ދޫނުކުރެވިދާނެކަމުގެ ބިރު ބޮޑުވެފައިވާއިރު ވޯލްޑް ބޭންކުން ބުނާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ޖުމްލަ ޕަބްލިކް އަދި ޕަބްލިކް ގެރެންޓީ ދަރަނި ހުރީ 8.2 ބިލިއަން ޑޮލަރު ނުވަތަ ޖީޑީޕީގެ %116 އާ އެއްވަރަށެވެ. އޭގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އަކީ ބޭރުގެ ދަރަނި ކަމަށާއި ބޮޑު ބައެއް ދައްކަންޖެހެނީ ޗައިނާ އާއި އިންޑިއާ އަށް ކަމަށް ވޯލްޑް ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2' އަށް ދަށްކޮށްފައެވެ.