ހޫނު މޫސުމުގެ ސަބަބުން ޑީހައިޑްރޭޝަން އަކީ އާންމުކޮށް ދިމާވާ ކަމެކެވެ. ނަމަވެސް ޑީހައިޑްރޭޝަންގެ އަލާމާތްތައް ގިނަ ބަޔަކަށް ނޭނގުމުގެ ސަބަބުން ތިމާ މިހުރީ ޑީހައިޑްރޭޓް ވެފައިކަން ނޭނގުމަކީ އެކަށީގެންވާ ކަމެކެވެ.
ޑީހައިޑްރޭޝަން ދިމާވަނީ ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ ދިޔާ އެއްޗެހި މަދުވުމުންނެވެ. މިގޮތަށް ދިމާވުމުގެ ސަބަބުތަކުގެ ތެރޭގައި ގިނައިން ދާހިއްލުމާއި، ބޭރަށް ހިންގުމާއި، ހޮޑުލެވުމާއި، ފެން ބޮވޭ މިންވަރު މަދުވުން ހިމެނެއެވެ. ހަށިގަނޑުން ފެން މަދުވުމުން ސޯޑިއަމް، ޕޮޓޭސިއަމް އަދި ކްލޮރައިޑް ފަދަ މުހިއްމު އިލެކްޓްރޯލައިޓްތައް ވެސް ގެއްލެއެވެ. ހަށިގަނޑުގެ ސެލްތައް ރަނގަޅަށް މަސައްކަތް ކުރުމަށް މި އިލެކްޓްރޯލައިޓްތައް މުހިންމެވެ.
ޑީހައިޑްރޭޝަންގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބަލީގެ އަލާމާތްތައް އެހާ ސީރިއަސް ނުވުމުން، ޑީހައިޑްރޭޓްވާކަން ގިނަ ބަޔަކަށް ނޭނގުމެވެ. ޑީހައިޑްރޭޝަންގެ އާންމު އަލާމާތްތަކުގެ ތެރޭގައި ކަރުހިއްކުން، އަނގަ ހިކުން، ވަރުބަލިވުން އަދި ބޮލުގައި ރިއްސުން ހިމެނެއެވެ. އެއަށްވުރެ ސީރިއަސް ހާލަތްތަކުގައި ޑީހައިޑްރޭޝަންގެ ސަބަބުން ބޮލުގައި ރިއްސުމާއި، ބޯ އެނބުރުމާއި، ހިތުގެ ތެޅުން އަވަސްވެ، ފިޓުޖެހުން ފަދަ ކަންކަން މެދުވެރިވެއެވެ.
ޑީހައިޑްރޭޝަން އިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް އެބަހުއްޓެވެ. އެންމެ މުހިންމު ކަމަކީ ދުވާލު ގިނައިން ފެން ބުއިމެވެ. ދުވާލަކު މަދުވެގެން 8-10 ތަށި ފެން ބުއިމަށް ތަޖުރިބާކާރުން އިރުޝާދު ދިން ނަމަވެސް އުމުރާއި ބަރުދަނާއި އެކްޓިވިޓީ ލެވެލް އަދި ސިއްހީ ހާލަތަށް ބަލާއިރު މިކަން ތަފާތު ވެދާނެއެވެ. ހަކުރު އެކުލެވޭ ފަދަ ބާވަތްތަކުން ދުރުހެލިވުމަކީ ވެސް ޑީހައިޑްރޭޓްވުމުން ދުރުކޮށްދޭ ކަމެކެވެ. ހޫނު މޫސުމުގައި ފިޒީ ބުއިންތަކާއި އާޓިފިޝަލް ޖޫސް ފަދަ ބުއިންތައް ބޯހިތްވެދާނެ ނަމަވެސް އެތަކެއްޗަކީ ހަކުރު އެކުލެވިގެންވާ ތަކެތިކަމުން، އޭގެ ސަބަބުން އިތުރަށް ޑީހައިޑްރޭޓް ވުމުގެ ފުރުސަތު ބޮޑެވެ. މާ ގިނައިން ފެން ބޮވިދާނެކަމާމެދު ކަންބޮޑުވާ މީހުން، ދުވާލުގެ އެކި ވަގުތުތަކުގައި މަދު މިންވަރަކަށް ފެން ބުއިން އެދެވިގެންވެއެވެ.
ޑީހައިޑްރޭޝަން އިން ރައްކާތެރިވުމަށް އެޅިދާނެ އިތުރު މުހިންމު ފިޔަވަޅަކީ ޑީހައިޑްރޭޝަންގެ އަލާމާތްތަކަށް ހޭލުންތެރިވުމެވެ. ކަރުހިއްކުން، އަނގަ ހިކުން، ވަރުބަލިވުން ނުވަތަ ބޮލުގައި ރިއްސުން ފަދަ ކަންކަން ދިމާވާނަމަ ވަގުތުން ފެން ބުއިން މުހިންމެވެ. އަދި ފެން ގިނަ މޭވާ އާއި ތަރުކާރީ ފަދަ ކާނާ ނާސްތާގައި ހިމެނުމަކީވެސް ޑީހައިޑްރޭޝަނަށް އެހީތެރިވެދޭ ކަމެކެވެ.
ގިނައިން ފެން ބުއިމުގެ އިތުރުން ޑީހައިޑްރޭޝަންގެ ސަބަބުން ގެއްލުނު އިލެކްޓްރޯލައިޓްތައް އަނބުރާ ހޯދުމަކީވެސް މުހިއްމު ކަމެކެވެ. މިކަން ކުރުމަށް ކުޅިވަރަށް ހާއްސަ ބުއިންތައް ބުއިން ނުވަތަ އިލެކްޓްރޯލައިޓްސް ގިނަ ކާނާ ކަމަށްވާ ދޮންކެޔޮ އަދި އެވޮކާޑޯ ކެވިދާނެއެވެ.
ޑީހައިޑްރޭޝަން ގެ ޝިކާރައަކަށްވެފައިވާ ކަމަށް ޝައްކުކުރެވޭ ނަމަ ވަގުތުން ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ. ސީރިއަސް ހާލަތްތަކުގައި ޑީހައިޑްރޭޝަންގެ ސަބަބުން ކިޑްނީ ފެއިލްވެ މަރުވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ. މީގެ އިތުރުން، ހިތުގެ ބަލިތަކާއި ކިޑްނީ އަދި ފުއްޕާމޭގެ މައްސަލަ ހުންނަނަމަ ދިޔާ އެއްޗިސް ބުއިން އެކަށީގެންވާ މިންވަރާމެދު ޑޮކްޓަރުގެ އިރުޝާދު ހޯދަން ޖެހޭނެއެވެ.