މިސަރުކާރުގެ ސިޔާސަތެއްގެ ގޮތުން ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެއް ޑަޔަލިސިސް ސެންޓަރު ހުޅުވުމަށް ނިންމާފައިވާ ނިންމުން މިއަހަރު ތެރޭ ތަންފީޒު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ކިޑްނީ ބަލީގެ ދުވަސް ފާހަގަކުރުމަށްޓަކައި އައިޖީއެމްއެޗްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ކިޑްނީ ފެއިލް ވެފައިވާ މީހުންނަށް ދެވޭ އެންމެ އަސާސީ އެއް ފަރުވާއަކީ ޑަޔަލިސިސްގެ ހިދުމަތް ކަމަށެވެ. މި ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ނިންމާފައިވާ އިރު، ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެއް ޑަޔަލިސިސް ސެންޓަރު ބެހެއްޓުމުގެ މަސައްކަތް ނިންމާލުމަށް އަމާޒު ހިފާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން ރާއްޖޭގައި ވެސް ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތައް އިތުރުވަމުންދާ ކަން ފާހަގަކުރައްވާ، މި ބައްޔާ މެދު ސަމާލުވެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނައުމަށް ވެސް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ
މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ބޭއްވި ދުނިޔޭގެ ސިއްހަތު ދުވަހުގެ ރަސްމީ ޖަލްސާގައި ވަނީ ނ. ވެލިދޫ ސިއްހީ މަރުކަޒު، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ އަތޮޅު ހޮސްޕިޓަލް އަދި ގއ. އަތޮޅު ހޮސްޕިޓަލް ގައި ޑަޔަލިސިސް ހިދުމަތް ދޭން ފަށާފައިވާ ކަން އިުއލާން ކޮށްފައެވެ. މީގެ އިތުރުން މި އަހަރުގެ ފެބުރުއަރީ މަހު ހއ. އިހަވަންދޫ އާމިނާދިޔޯ ސިއްހީ މަރުކަޒު، އަދި މިދިޔަ އަހަރު ށ. އަތޮޅު ހޮސްޕިޓަލުގައި ވަނީ ޑައިިލިސިސްގެ ހިދުމަތް ފަށާފައެވެ. މީގެ އިތުރުން ނ އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސް ޔުނިޓަށް ވަނީ އެނދު އިތުރުކޮށްފައެވެ.
މިހާރު ރާއްޖޭގައި ޑައިލިސިސްގެ ހިދުމަތް ނުފެށި ވަނީ އއ، އދ، ވ، މ، ފ އަދި ދ އަތޮޅުގައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މި ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ހިދުމަތް ފެށުމެވެ.