އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ 8 މަހުގެ ތުއްތު ކުއްޖަކު ރޭ މަރުވި މައްސަލަ ބަލަމުންދާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ހެލްތް މިނިސްޓްރީން ބުނީ، މި މައްސަލަ މިހާރު ބަލަމުން އަންނަ ކަަމަށާއި، މައްސަލަ ބަލަމުން ދާތީ ވަކި އެއްޗެއް ބުނެވެން ނެތް ކަމަށެވެ. މައްސަލަަ ބެލުމަށް ފަހު މި ކޭސްއާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

8 މަހުގެ ކުއްޖާ މަރުވި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ޖަހާފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ރޯގާ ޖެހި ކެއްސާތީ ކަމަށެވެ. ނަމަވެސް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭތާ 5 ދުވަސްވީ ފަހުން އެ ކުއްޖާ މަރުވީ ލިވާ ފެއިލްވެގެން ކަމަށެވެ. އެ ކުއްޖާ ރޭ މަރުވި ނަމަވެސް އެއީ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ކުއްޖެއް ކަަމަކަށް އެ ހޮސްޕިޓަލުން އަދިވެސް ގަބޫލު ނުކުރާ ކަމަށް އެ ޕޯސްޓްގައި ބުނެފައި ވެއެވެ. އައިސީޔޫގައި އެޑްމިޓް ކުރާނީ ވެންޓިލޭޓަރު ބޭނުންވާ ބަލި މީހުން ކަމަށާއި އެ ކުއްޖާ އައިސީޔޫއަށް ލާން ޖެހުނު ނަމަ އެކަން ކުރީސް ކަމަށް ނަރުހުން ބުނެފައިވާ ކަމަށް އެ ޕޯސްޓްގައި ބުނެފައި ވެއެވެ.

"ކުއްޖާ އެޑްމިޓްކުރުމަށްފަހު ލޭގެ ގިނަ ސާމްޕަލްތަކެއް ނެގި. ހުރިހާ މެޑިކަލް އޮފިސަރުން ވެސް ބުނަމުން ދިޔައީ އެއީ އިންފެކްޝަނެއް ކަމަށް. އެ ބުނާ އިންފެކްޝަނެއް އުފެދުނީ ކޮންތާކު ހެއްޔެވެ؟ ކިހިނެއް ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟ އެކަކަށްވެސް އެ ޖަވާބެއް ނުދެވުނެވެ. ތިންވަނަ ދުވަހު މުޅި ކުއްޖާ އެކީ އޮތީ ފޮއްސި ވެފައެވެ. އެކުއްޖާގެ ހަށިގަނޑުގައި ފްލުއިޑްތައް ޖަމާވެ، ލިވާގައި ހުރި އެންޒައިމެއް ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށް ބުންޏެވެ. ކޮން އެންޒައިމެއް ހެއްޔެވެ؟ އޭގެން ކުރި މަސައްކަތަކީ ކޮބައި ހެއްޔެވެ؟ ކުއްލިއަކަށް ސްޕައިކްވާން ޖެހުނީ ކީއްވެ ހެއްޔެވެ؟ ޖަވާބެއް ނުދެވުނެވެ." އެ ޕޯސްޓްގައި ޖަހާފައި ވެއެވެ.

ހަތަރު ވަނަ ދުވަހާ ހަމައަށް އައިއިރު ވެސް ކުއްޖާ ދިޔައީ ވޭނުގައި ރޮމުން ކަމަށާއި އެޑްމިޓް ކުރިތާ ފަސް ވަނަ ދުވަހު އޭނާގެ ހާލު ވަރަށް ބޮޑަށް ގޯސްވެ، ޑޮކްޓަރެއް ގެނެސް އެ ކުއްޖާ ޗެކް ކޮށްދިނުމަށް އެދި އާދޭސްކޮށް ހަޅޭއްލަވަން ޖެހުނު ކަމަށް އެ ޕޯސްޓްގައި ބުނެފައި ވެއެވެ. އެހިސާބުން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް އެ ކުއްޖާ ބެލުމަށް އައިސް އޭނާގެ ލިވާ ފެއިލްވަމުންދާ ކަން އެންގި ކަމަށް އެ ޕޯސްޓްގައި ބުނެފައި ވެއެވެ.

ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ދިއުމަށް އާސަންދަ ހަމަޖައްސަން މަސައްކަތް ކުރި ނަމަވެސް އާސަންދަ ހަމަޖެހިގެން ދިޔައީ އެ ކުއްޖާ މަރުވިތާ 10 މިނެޓް ވީ ފަހުން ކަމަށް އެ ޕޯސްޓަގައި ބުނެފައި ވެއެވެ. އުމުރުން 40 އަހަރުގެ މީހަކަށް ލިބިފައިވާ ހަމައެކަނި ދަރިފުޅު މަރުވެގެން ދިޔައީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށާއި އަދި އާސަންދަ ވެސް ހަމަޖައްސައި ނުދެވުނު ކަމަށް އެ ޕޯސްޓްގައި ޖަހާފައިވެއެވެ. އާންމު ރައްޔިތުންނަށް ބޭސް ފަރުވާ ހިދުމަތް ދޭ ގޮތަކީ މިއީތޯ ބުނެ ސުވާލު އުފައްދާ ރާއްޖޭގެ ސިއްހީ ނިޒާމް ފެއިލް ވެފައިވާ ކަމަށް އެ ޕޯސްޓްގައި ބުނެފައި ވެއެވެ.

މި ޕޯސްޓްގެ ދަށުން ގިނަ ބަޔަކު އަންނަނީ އައިޖީއެމްއެޗްގެ ފެންވަރުދަށް ހިދުމަތުގެ ވާހަކަ ދައްކަމުންނެވެ. ޑރ. ދައްކާލަން އެޕޮއިންޓްމަންޓެއް ވެސް ލިބެނީ އެހާ ދުވަހުން ކަމަށާއި ހިދުމަތް ދިނުމުގައި ވެސް ފަރުވާ ކުޑަ ކަމުގެ އެތައް ވާހަކަތަކަކުން އެ ޕޯސްޓްގެ ކޮމެންޓް ސެކްޝަން ވަނީ ފުރާލާފައެވެ.