ދަރިމައިވުމާއި އެމްބްރިޔޮލޮޖީގެ ރޮނގުން ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމަށް، މެކް ފައުންޑޭޝަނާ ގުޅިގެން ސްކޮލާޝިޕްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސާޖިދާ މިހެން ވިދާޅުވެފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި މިހާރު ކުރިއަށްދާ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ 7 ވަނަ ސަމިޓު ގެ އިފްތިތާހީ ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި، ހައިރާތު ފައުންޑޭޝަނެއްގެ ގޮތުގައި 8 އަހަރު، އަދި ފައުންޑޭޝަންގެ 13 އަހަރު ދުވަހުގެ ދިގު ތާރީހުގައި އިޖުތިމާއީ ތަރައްގީގެ ތަފާތު ޕްރޮގްރާމްތައް، މެކް ފައުންޑޭޝަނުން ހިންގާފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވިއެވެ. އަދި ފައުންޑޭޝަންގެ "މޯ ދޭން އަ މަދާ" ކެމްޕޭންގެ އެމްބެސެޑަރަކަށް އެކަމަނާ އައްޔަންކުރެއްވިކަމަށްޓަކައި، އެ ފައުންޑޭޝަނަށް ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން ވެސް، ދަރިމައިވުމާއި އެމްބްރިޔޮލޮޖީގެ ރޮނގުން ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމަށް، ފައުންޑޭޝަނުން ސްކޮލާޝިޕްގެ ފުރުސަތު ދޭކަން ފާހަގަކުރައްވައި، އެކަމަށްޓަކައިވެސް އެކަމަނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިއީ ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލުން މަދު، ނަމަވެސް މުހިންމު ދާއިރާއެއްކަން ފާހަގަ ކުރައްވާ ސާޖިދާ ވަނީ، ރާއްޖޭގައި އަގުހެޔޮ، އަދި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ މަގުތައް ފަހި ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ރާއްޖޭގެ ސިއްހީ ދާއިރާގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ދިގު މުއްދަތުގެ ފަންނީ، ގުޅުންތައް ދެމެހެއްޓުމުގެ ޝައުގުވެރިކަން ފާޅުކުރެއްވާފައެވެ.
އަދި ދަރިމައިނުވުމާއި، މިންތީގެ ތަފާތުކުރުންތަކުން ލިބޭ އިހާނެތިކަމާއި، އަންހެނުން ބާރުވެރިކުރުމާއި، ހަކުރުބައްޔާއި ހައިޕާޓެންޝަން ފަދަ ބަލިތަކާއި، އެފަދަ އެހެނިހެން މައްސަލަތަކަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށް މެކް ފައުންޑޭޝަނާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދެވުނު މަސައްކަތްތައްވެސް، ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ.
ހަމަ އެހެންމެ މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކެންސަރު ސްކްރީނިންގްއާއި، ނަފްސާނީ ސިއްހަތާއި ގުޅުންހުރި ހިދުމަތްތައް ރަނގަޅުކުރުމުގެ އިތުރުން، ސިއްހީ ދާއިރާގައި އަންހެނުންގެ އިސްނެގުން އިތުރުކުރުމަށް އެހީތެރިވުމުގެ މައްޗަށްވެސް އެކަމަނާ ވާހަކަ ދައްކަވާފައި ވެއެވެ.
ދުބާއީގައި މިހާރު ކުރިއަށްދާ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް އެމްއެފްއެފްއެލްއައިގެ 7 ވަނަ ސަމިޓު ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ ޝަރަފުވެރި މެހެމާނާއެއްގެ ހައިސިއްޔަތުންނެވެ.