ތައުލީމީ ދާއިރާ އާއި ސިއްހީ ހިދުމަތުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ވަގުތުގެ އިނާޔަތް ނުލިބޭ ގޮތަށް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަމުން ދިއުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކޮށް އިތުރު ވަގުތުގެ އިނާޔަތް ދިނުމާ ގުޅޭ އުސޫލުތައް މުރާޖައާކުރުމާ މެދު މެންބަރުންގެ ހިޔާލު ހޯދުމަށް ގަރާރެއް ހުށަހަޅައިފިއެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ، ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އިތުރު ވަގުތުގައި ކުރާ މަސައްކަތަށް ފައިސާ ދިނުމާއި އިތުރު ވަގުތުގެ މަސައްކަތް ކުރެވޭނެ މިންގަނޑުތަކެއް ކަނޑައަޅާފައި އޮތް ނަމަވެސް، މި ދެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަން ޖެހޭ ކަމަށެވެ.

ދައުލަތުގެ އާ ޕޭ ފްރޭމްވޯކްގެ އިތުރު ވަގުތާ ގުޅޭ މިންގަނޑުގައިވާ ގޮތުން އިތުރު ވަގުތުގެ ފައިސާގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭނީ އެ މިންގަނޑުގައި އިތުރު ވަގުތުގެ ފައިސާ ލިބޭނެކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުގެ މަގާމުގެ އަސާސީ މުސާރައިގެ އެންމެ ގިނަވެގެން 10 ޕަސެންޓަށް ވާ މިންވަރަށް ކަމަށް ވާތީ، އެ މިންވަރަށް ވުރެ އިތުރުވާ ގޮތަށް މުވައްޒަފުން ލައްވާ މަސައްކަތްކުރުން މަނާ ވާނެ ކަން އެ ގަރާރުގައި އަމީން ފާހަގަކުރައްވާފައިވެއެވެ.

އެ ގަރާރުގައި އަމީން އިތުރަށް ވިދާޅުވީ، ސިއްހީ ދާއިރާގައި އާންމުންނަށް ހިދުމަތްދިނުމަށް އެކަށީގެންވާ ވަރަށް ސިއްހީ ހިދުމަތްތެރިން ނެތުމުގެ ސަބަބުން ގިނަ ސިއްހީ މަސައްކަތްތެރިން މަސައްކަތުގައި އިތުރު ވަގުތު ހޭދަކުރަން ޖެހިފައިވާ ކަމަށާއި، ތައުލީމީ ދާއިރާގެ މަސައްކަތްތެރިން ސްކޫލް ގަޑިތަކުގެ ބޭރުން ވެސް ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަން ޖެހިފައިވާ ކަމަށެވެ.

އޭނާގެ ގަރާރުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި:

  • މި ދެ ދާއިރާގައި މަސައްކަތްތެރިން އިތުރުކުރުމަކީ ގޮންޖެހުންތައް ހައްލުކުރުމަށް އެޅިގެން ދާނެ ފިޔަވަޅެއް
  • ޕޭ ފްރޭމްވޯކްގައި ކަނޑައަޅާފައިވާ ވަގުތަށް ވުރެ އިތުރު ވަގުތުގައި މަސައްކަތްކުރުވަން ޖެހޭ ހާލަތުގައި އިތުރު ގަޑީގެ ފައިސާ ލިބިދެވޭނެ އިސްތިސްނާ އުސޫލެއް ކަނޑައެޅިފައި އޮންނަން ޖެހޭ
  • މުވައްޒަފުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މަންފާއެއް ނުލިބޭ ގޮތަށް ގަވައިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި އެއްވެސް މާއްދާއެއް ހިމެނިގެންވާ ނަމަ އެ މާއްދާއެއް ބާތިލުވާން ޖެހޭ