ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑާ ކުރައްވާފައި ވާ މައްސަލައާ ގުޅޭ ހެކީގެ މައްސަލައިގައި ސްޕްރޯމް ކޯޓުގައި ކުރިއަށް ދާ އިސްތިއުނާފް މަރުހަލާގެ ހުރިހާ އަޑުއެހުމެއް ނިންމާލައިފިއެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ދައުވާއެވެ. އަދި މި މައްސަލައިގައި ދައުލަތުން ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުނި މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކޮށްފައެވެ.

މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުން ނިންމާލަމުން ޝަރީއަތުގެ މަޖިލީހުގެ ރިޔާސަތު ބެއްލެހެއްޓެވި ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ. އަދި އަންނަ ހޯމަ ހިސާބުގައި މައްސަލައިގެ ހުކުމް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ.

"މި މައްސަލައިގައި އަޑުއެހުންތައް މި ނިމުނީ މި ދެ މައްސަލައިގައި ވެސް އަޑުއެހުންތައް މި ނިމުނީ، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލިސް ވެސް މި ނިމުނީ، ނިންމާލުމުގެ ކުރިން ދަންނަވާލަން އަޅުގަނޑުމެން އުންމީދު ކުރަން ހޯމަ ހިސާބުގައި ނިންމޭނެ ކަމަށް"
ހުސްނުއް ސުއޫދު

ރައީސް ޔާމިންގެ ދިފާއުގައި ދައުލަތުން ބޭނުންވާ ބައެއް ލިޔެކިޔުންތައް ނުލިބޭ ކަމަށާއި އެކަމަށް އެދުމުން ޑިކްލައިން ކުރާނަމަ އެ ލިޔުންތައް ލިބޭނެ ގޮތްތެއް ނެތް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި ފަނޑިޔާރުން މައްސަލައަށް ރިއާޔަތް ކުރައްވާއިރު އަދުލުވެރިކަމާއެކު މައްސަލަ ކުރިއަށް ދޭތޯ ބެލުމަށް ތަހުގީގެއް ފުރިހަމަވާން ޖެހޭނެ ކަން ވެސް ރައީސް ޔާމީންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އެގޮތުން އެސީސީގެ ރިޕޯޓް ނުލިބޭ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ދައުލަތުގެ ވަކީލު ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އޭސީސީ ރިޕޯޓްގެ ފުއްގިރި މައްސަލައާ ގުޅޭ ހުރިހާ ކޮންޓެންޓެއް ދީފައިވާނެ ކަމަށެވެ. އަދި އެހެން މައްސަލަތަކުގެ ތަހުގީގަށް ހުރަސް އެޅިދާނެ ފަދަ މައުލޫމާތަކީ ގާނޫނުގެ ދަށުން ރައްކާތެރި ކުރެވިފައިވާ މައުލޫމާތުތައް ކަމަށް ވުމުން އޭސީސީގެ ރިޕޯޓް އެއްކޮށް ދީފައި ނުވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމާއި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިތުރުން، މި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

މިއަދާއި އިއްޔެ ސުޕްރީމް ކޯޓުގައި އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އިއްޔެ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ރ. ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ. މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެ މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރުކުރީ، އެ މައްސަލައިގެ ޝަރީއަތުގެ ބައެއް ނިންމުންތައް ސުޕްރީމް ކޯޓުގައި ޔާމީން އިސްތިއުނާފު ކުރައްވާފައި ވާތީ އެ މައްސަލަ ނިމެންދެންނެވެ.

ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. އޭގެ ދެ މަސް ފަހުން ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް އަމުރު ކުރި ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ވެސް މިހާރު ވަނީ ހައިކޯޓަށް ބަލައިގެންފައެވެ.