ރ. ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ދައުވާއެވެ. އަދި މި މައްސަލައިގައި ދައުލަތުން ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުނި މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކޮށްފައެވެ.

މި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާ މާދަން ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ވަނީ ތާވަލުކޮށްފައެވެ.

މާދަމާ އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެ މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރުކުރީ، އެ މައްސަލައިގެ ޝަރީއަތުގެ ބައެއް ނިންމުންތައް ސުޕްރީމް ކޯޓުގައި ޔާމީން އިސްތިއުނާފު ކުރައްވާފައިވާތީ އެ މައްސަލަ ނިމެންދެންނެވެ.

ޔާމީންގެ ފަރާތުން ވަގުތީ އަމުރަކަށް އެދުމުން ދައުލަތުން ބުނީ، ޝަރީއަތް ކުރިއަށް ގެންދިޔަޔަސް ޔާމީންގެ ހައްގެއް ނުގެއްލޭނެ ކަމަށާއި، ޝަރީއަތް އަވަސްކުރުމަކީ ދައުވާ ލިބޭ ފަރާތުގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ގޮތެއް ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މައްސަލަ އަވަސްކުރަން އުޅޭ ގޮތުން ތައްޔާރުވާން ދަތިވާ ކަމަށް، ރައްދުގައި ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ތިން ހަތަރު ހެކިންގެ ހެކިބަސް ނަގަން ކޮންމެ ދުވަހަކު ހަމަޖައްސާފައި އޮތް ނަމަވެސް، އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރައްވަން އެކަށީގެންވާ ވަރަށް ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށެވެ.

ފަނޑިޔާރުން މަޝްވަރާ ކުރެއްވުމަށް ފަހު، ޔާމީންގެ އިސްތިއުނާފީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވަނީ، އަންނަ ހަފްތާގެ ހޯމަ ދުވަހާ ހަމައަށް، ހަފްތާއެއްގެ މުއްދަތަކަށް ޝަރީއަތް މަޑުޖައްސާލަން ކްރިމިނަލް ކޯޓަށް އަމުރުކޮށް، އެކަން އެ ކޯޓަށް ލިޔުމުން އަންގަވާނެ ކަމަށް އިއުލާނު ކުރައްވައިފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމާއި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިތުރުން، މި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވައިފައެވެ. އޭގެ ދެ މަސް ފަހުން ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް އަމުރުކޮށްފައެވެ.

ހަ މަސް ދުވަހުގެ ތެރޭގައި 52.6 މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ އަމުރު ބާތިލު ކޮށް، ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ވެސް ވަނީ ބަލައިގެންފައެވެ.