މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރި ވުމަށް އަދިވެސް 4600 އޮފިޝަލުން ބޭނުންވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ރިޔާސީ އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރުމަށް މިހާތަނަށް ލިބިފައި ވަނީ 1000 ފޯމުކަމަށެވެ. އަދި އިތުރަށް އޮފިޝަލުން ބޭނުންވާކަން ފާހަގަކުރައްވައި ފުވާދު ވިދާޅުވީ މިހާތަނަށް ހުޅުވާލި ފުރުސަތުގައި ލިބިފައިވާ ފޯމުތައް ބަލައި އޮފިޝަލުން ކަނޑައެޅުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން ފުވާދު ވިދާޅުވީ ފޯމު ހުށަހަޅާއިރު ބައެއް ފަރާތްތަކުން އަތުގައި ހުރި، ހުރިހާ ސެޓްފިކެޓެއް ހުށަހަޅަމުން ދާކަމަށެވެ. ނަމަވެސް މިއީ އެންމެ ދުވަހަކަށް ނުވަތަ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ދެ ދުވަސް ނޫނީ އެންމެ ގިނަ ވެގެން 4 ވަރަކަށް ދުވަހުގެ މަސައްކަތެއްކަން ފާހަގަކުރައްވައި ފުވާދު ވިދާޅުވީ ހުރިހާ ސެޓްފިކެޓެއްގެ ކޮޕީ ބޭނުން ނުވާނެ ކަމަށެވެ. "އެމީހެއްގެ އެންމެ ފަހުގެ ސެޓްފިކެޓެއް ނުވަތަ ޑިގްރީއެއްގެ ސެޓްފިކެޓް ހުށަހެޅުމުން ވާނެ. އަދި ސެޓްފިކެޓެއް ނެތްނަމަ އެމީހެއްގެ ސީވީއެއް ހުށަހެޅުމުންވެސް ސީވީއަށް ބެލުމަށްފަހު އެފުރުސަތު އެމީހަކަށް ދެވޭނެ" ފުވާދު ވިދާޅުވިއެވެ.

ސިޔާސީ ގޮތުން ކޮންމެ ވިސްނުމެއްގެ މީހަކަށްވެސް އޮފިޝަލަކަށް ވުމުގެ ފުރުސަތު އޮންނާނެކަން ފާހަގަކުރައްވައި ފުވާދު ވިދާޅުވީ އެހެންނަމަވެސް ސިޔާސީ ކަންކަމުގައި އިސްކޮށް އުޅޭ ފަރާތްތަކަށް އެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އިތުރަށް ފުވާދު ވިދާޅުވީ އޮފިޝަލަކަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން އެކި ޕާޓީތަކަށް ނިސްބަތްވާ މީހުން ފޮށިތަކަށް ބެހުމުގައި ހަމަހަމަ އުސޫލަކުން ކަންތައްތައް ކުރުމަށް ނިންމަފައި ވާކަމަށެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް 5،600 އޮފިޝަލުން ބޭނުން ވާއިރު މިކަމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 22 ވަނަ ދުވަހެވެ.