ހުޅުމާލެ ބީޗް ސަރަހައްދުގައި ކެފޭ އުސޫލުން ހިދުމަތް ދިނުމަކީ މަނާ ކަމެއް ކަމަށް އާބަންކޯއިން ބުނެފިއެވެ.

އެ ކަމާ ގުޅިގެން އާބަންކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އާންމުންނަށް ބޭނުންވާ ފެންފުޅި، ލުއިކާނާ ފަދަ ތަކެތި ޓޭކްއަވޭގެ ގޮތުގައި ވިއްކަން ހުއްދަދީފައިވީ ނަމަވެސް ބީޗު ސަރަހައްދުގައި ގޮނޑި އަދި މޭޒު ޖަހައި ކެފޭ އުސޫލުން ހިދުމަތް ދިނުމަކީ މަނާ ކަމެއް ކަމަށެވެ.

އެގޮތަށް ކެފޭތައް ހެދުމުގެ ސަބަބުން އެތާނގައި ތިބެ ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ނޭދެވޭ އަމަލުތައް ހިންގަމުންދާ ކަމަށާއި އޭގެ ސަބަބުން އެތަނުގެ ހިތްފަސޭހަ ކަން ހޯދުމަށް ގޮސް އުޅޭ އާންމުންނަށް އުނދަގޫތައް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ އެ އިދާރާއަށް ލިބެމުންދާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ހުޅުމާލެ ބީޗް ސަރަހައްދު

އަދި ވޯޓާ ސްޕޯޓްސް ވިޔަފާރި އަކީ އާންމުންގެ މުނިފޫހިފިލުވުމާއި، އުފާވެރި މާހައުލެއް ގާއިމްކުރުމަށް ބީޗުގައި ހިންގާ ތަންތަން ކަމަށްވާއިރު ލުއިކާނާ އަދި ޓޭކްއަވޭގެ ގޮތުގައި އެތަންތަނުން އެއްޗިހި ވިއްކަން ހުއްދަދީފައި ވާނީ އާންމުންނަށް ފަސޭހަ ކޮށްދިނުމުގެ ބޭނުމުގައި ކަމުން އުސޫލާ އެއްގޮތުގެ މަތިން ވިޔަފާރިތައް ހިންގުމަށް އާބަންކޯއިން ވަނީ އެދިފައެވެ.

އެހެންކަމުން އާންމުން ބޭނުންކުރާ ޖާގަ ތަނަވަސް އަދި އަތޮޅުތެރޭގެ ރަށްރަށުން ވެސް ލިބޭ ފަދަ ދޮންވެލި ސާފު ބީޗެއްގެ ތަޖުރިބާ ލިބިދޭނެ ފަދަ ތަނަކަށް ހުޅުމާލެ ބީޗް ހެދުމަށް އާބަންކޯއިން ކުރަމުންދާ މަސައްކަތުގައި ހުރިހާ އެންމެންވެސް އެއްބާރުލުން ދިނުމަށް ވަނީ އެދިފައެވެ.