ހިޔާ ފްލެޓުތަކުގެ އެތެރެއަށް ދިމާވާ މައްސަލަތައް ހައްލުކޮށްދޭނީ ޖޫން މަހުގެ ނިޔަލަށް ކަމަށް އާބަންކޯއިން ބުނެފިއެވެ.

އެޗްޑީސީން ބުނީ، ހިޔާ ފްލެޓްތަކުގެ ކޮންޓްރެކްޓާ ޑިފެކްޓް ލަޔަބިލިޓީ ޕީރިއަޑް އަކީ މިދިޔަ އަހަރުގެ ނިޔަލަށް ކަމަށްވީ ނަމަވެސް، އަދިވެސް ކަރަންޓާއި، ފެން ލީކްވުމާއި، ޑްރެއިން ބްލޮކް ވުމާއި، ބެލްކަނީ ސްލޯޕްގެ މައްސަލަތައް ހުށަހެޅެމުންދާ ކަމަށެވެ. އަދި ކުންފުނިން އެ މައްސަލަތައް ހައްލުކޮށްދެމުން މިހާތަނަށްވެސް އަންނަ ކަމަށެވެ.

އެގޮތުން ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި، ފްލެޓް ހަވާލުވުމަށް ފަހު ފްލެޓްތައް ހުންނާނީ ދިރިއުޅޭ ފަރާތްތަކުގެ ފުރިހަމަ ޒިންމާގެ ދަށުގައި ކަމުގައި ބަޔާން ވެފައިވީ ނަމަވެސް، ހިޔާ ސަރަހައްދަކީ ބޮޑު އާބާދީއެއް އުޅޭ ސަރަހައްދެއްކަން އާބަންކޯއިން ވަނި ފާހަގަ ކޮށްފައެވެ.

އެހެން ކަމުން އެއްފަހަރާ މީހުން ދިރިއުޅެން ފެށުމުން ދިމާވާ މައްސަލަތައް ހައްލު ކުރުމަށް އެ ކުންފުނިން ނިންމީ، އެ ހިދުމަތް ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކައް ވީހާވެސް ދިގު މުއްދަތަކަށް ފޯރުކޮށްދިނުމަށް ކަމަށް އާބަންކޯއިން ބުނެއެވެ. އަދި މިހާތަނަށް އެ ކޯޕަރޭޝަނަށް ހިޔާގައި ދިރިއުޅޭ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ގިނަ ކަންކަން ހައްލުކޮށްދެވި، އެ ފަދަ މައްސަލަތައް އެ ކޯޕަރޭޝަނަށް ހުށަހަޅާ އަދަދު މަދުވެފައިވާކަން ފާހަގަކުރެވޭ ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ، އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ފަހުން އެ ކޯޕަރޭޝަނުން ބަލަމުން ގެންދާނީ ހިޔާ އިމާރާތުގައި ހިމެނޭ އާންމު ތަންތަނާއި ވަސީލަތްތަކަށް ދިމާވާ މައްސަލަތައް އެކަނި ކަމަށެވެ. އަދި ހިޔާ ފްލެޓުގެ އެތެރެއަށް ދިމާވާ މައްސަލަތަކުގައި އެ ކޯޕަރޭޝަނުން ފޯރުކޮށްދޭނީ ފަންނީ އެހީ އެކަނި ކަމުގައި ވެސް އާބަންކޯއިން ބުނެއެވެ.