ސިޔާސީ މަގާމުތަކުގައި ތިބި މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ މެންބަރުން މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ގޮވާލައްވައިފިއެވެ.

ޝަރީފް މިގޮތަށް ގޮވާލައްވާފައި ވަނީ މޮރިޝަސް އާއި ރާއްޖެއާ ދެމެދުގައި ވާ ކަނޑުގެ ސަރަހައްދުގެ އިން ވަކި ކުރި މައްސަލައާ ގުޅިގެން އެމްއާރްއެމް އިން އެ ޕާޓީގެ އެކްސްކޯގެ ކުއްލި ބައްދަލުވުމެއް ބާއްވާފައިވާ ދަނޑިވަޅެއްގައެވެ. އިއްޔެގެ ވަގުތެއްގައި ބޭއްވި އެ ބައްދަލުވުމުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އާއި އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ބައިވެރިވެވަޑައިގެންނެވި އެވެ.

އެކަމާ ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ އެމްއާރްއެމް އާއި ދެމެދު ކޯލިޝަން އޮތީ ވަކި ބޭނުމަކު ކަމަށާއި އެޕާޓީގެ މެންބަރުން ސަރުކާރުގައި ތިބިގެން ކުރަނީ ޖެއްސުން ކަމަށެވެ. އަދި "ސިޔާސީ މަގާމުތަކުގައި ތިބި އެމްއާރްއެމްގެ ވަކި ކޯލިޝަން އިން އެމްއާރް އެމް ބޭރުކޮށްލަން ގޮވާލަން" ޝަރީފް ވިދާޅުވެފައި ވެއެވެ.

އިޓްލޮސްގައި މި މައްސަލައިގެ ހުކުމް ކުރަން ގާތްވެފައި ވަނިކޮށް އިދިކޮޅުން ވަނީ ރައީސް ޔާމީން ސޮއިކުރައްވާ އިޓްލޮސްއަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އެ ސިޓީ ފޮނުއްވުމުގެ ކުރިން އިދިކޮލޫން ވަނީ 5 ސިޔާސީ ޕާޓީއެއްގެ ފަރާތުން އެ ސިޓީގައި ސޮއި ހޯދަން ދައުވަތު ދީފައެވެ. އޭގެތެރޭގައި އެމްއާރްއެމް ހިމެނެއެވެ.

އެ ސިޓީގައި ސޮއި ކުރުމުގެ ޝައުގުވެރިކަން ފާޅުކުރީ އެމްއެންޕީ އަދި އެމްއާރްއެމް އިން ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ. ނަމަވެސް އެ ދެ ޕާޓީން އެކުގައި އިތުރަށް މަސައްކަތްތަކެއް ކުރަން ވަގުތު ބޭނުން ވާތީ އާއި އެކަމުގެ ސީރިއަސް ކަމާއި އަދި ހުކުމް ކުރުމުގެ ކުރިން ސިޓީ ފޮނުވަން ޖެހޭތީ ޕާޓީތަކުގެ ސޮއި ނުހިމަނައި އެ ސިޓީ ފޮނުވީ ކަމަށް ޕީޕީއެމުން ބުނެފައި ވެއެވެ. ޕީޕީއެމުން މިހެން ބުނެފައި ވީ ނަމަވެސް އޭރު އެމްއާރްއެމުން ސީދާ މިކަމާ ގުޅިގެން ވަކި ސްޓޭންޑެއް ހާމަކޮށްފައެއް ނުވެއެވެ.

އަދި އިޓްލޮސްގެ ނިންމުމާ މެދު ސަރުކާރުގެ ކޯލިޝަން ހިއްސާވާ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްވެސް ވިދާޅުވެފައި ވަނީ އެ މައްސަލަ ނިމުނީ ރާއްޖެއާ ދެކޮޅަށް ކަމަށެވެ. އަދި ގެއްލުނު ސަރަހައްދު އަނބުރާ ލިބޭނެ ގޮތެއް ހޯއްދަވަން، އެ މަގަށް މަސައްކަތް ކުރައްވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

އިޓްލޮސް އިން އިމުގެ މައްސަލައިގައި ކުރި ހުކުމާ ގުޅިގެން ހަމަ އެ ދުވަހުގެރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ރާއްޖެ އަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބުމަކީ ކާމިޔާބެއްގެ ގޮތުގައި ސަރުކާރުން ސިފަކުރިއެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމާއި އެމްއެންޕީގެ އިތުރުން، ޕީޕީއެމުން މިކަމުގައި ސަރުކާރާ ހިޔާލު ތަފާތެވެ.

މީގެ އިތުރުން މި މައްސަލައިގައި އެމްއެންޕީން ވަނީ ރައީސްގެ އިތުރުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފައެވެ.