ފްލެޓްތަށް ދެވޭނީ ޕްލޭނިން މިނިސްޓްރީ އިން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން ކަން އާބަންކޯއަށް އަންގާފައިވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގައި އަސްލަމް މިފަދައިން ވިދާޅުވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އާބަންކޯގެ 34 މުވައްޒަފަކަށް ފްލެޓް ދޭން ނިންމާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ދައުރުވަމުން ދާއިރު މި މައްސަލަ ސާފުކޮށްދިނުމަށް ޕްލޭނިން މިނިސްޓަރާ، ބޮންޑޭ ސުވާލުކުރެއްވުމުން ވިދާޅުވީ ކޮވިޑު އައުމުގެ ކުރިން ހައުސިން ކެޓަގަރީތައް ވަރަށް ތަފްސީލުކޮށް ކަނޑައަޅާފައިވާނެ ކަމަށާއި މާކްސް ލިބޭގޮތް ވެސް ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި ފްލެޓް ދެވޭނީ މިނިސްޓްރީ އިން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން ކަން ސަރުކާރުގެ އިދާރާތަކަށް އަންގާފައިވާނެ ކަމަށެވެ.

މީގެ އިތުރަށް އަސްލަމް ވިދާޅުވީ ސޯޝަލް ހައުސިން ލިބެން ޖެހޭނީ ސޯޝަލް ހައުސިން ކެޓެގަރީއަށް ފެތޭ މީހުންނަށް ކަމަށާއި ފްލެޓެއް ހުރި މީހަކަށް ފްލެޓެއް ލިބިގެން ނުވާނެ ކަމަށެވެ. އަދި އެކަން ސާފުކޮށް ބަޔާންކޮށްފައި ވާނެ ކަމަށެވެ. އުސޫލާ ހިލާފަށް ކަންކަން ކުރާނަމަ އެ މައްސަލައެއް ބައްލަވާނެ ކަމަށް ވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

ދައުރުވަމުންދާ ލިސްޓާ ބެހޭ ގޮތުން އާބަންކޯއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އުސޫލާ ހިލާފަށް އެއްވެސް މުވައްޒަފަކަށް ފްލެޓް ބަހާފައި ނުވާނެ ކަމަށާއި ދައުރު ވަމުން ދަނީ ބަޔަކު ހަދައިގެން އުޅޭ ސައްހަ ނޫން ލިސްޓެއް ކަމަށެވެ. އަދި ފްލެޓް ދޭން ފަރާތްތައް ކަނޑައަޅާފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.