ތިލަމާލެ ބްރިޖް ހެދުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލޭގެ ފަރަށް އެރި މައްސަލައިގައި، އެ މަޝްރޫއުގެ މަސައްކަތްތައް ކުރާ އިންޑިއާގެ އެފްކޯންސް ކުންފުނި ޖޫރިމަނާކުރި މައްސަލަ އެ ކުންފުނިން އިސްތިއުނާފުކޮށްފައިވީ ނަމަވެސް، އެ ޖޫރިމަނާ މައާފްކުރުމުގެ ވިސްނުމެއް ނެތް ކަމަށް، އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ބްރިޖް ހެދުމަށްޓަކައި ސާވޭގެ މަސައްކަތްތައް ކުރުމަށް ބޭނުންކުރި އެ ޕްލެޓްފޯމްގެ ނަގިލި ކަހާލައިގެން ފަރަށް އެރީ މިދިޔަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގައެވެ. ގާތްގަނޑަކަށް ދެ ހަފްތާ ވަންދެން އެ ޕްލެޓްފޯމް ފަރުމަތީ އޮތުމުގެ ސަބަބުން ފަރަށް ވަނީ ގެއްލުން ވެފައެވެ. އެފްކޯންސް އިން އޭރު ބުނީ، ޕްލެޓްފޯމް ފަރުން ނެގުން ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.
އެ މައްސަލައިގައި އެފްކޯންސް ކުންފުނި 69.4 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް، އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ވަނީ އަންގައިފައެވެ. ނަމަވެސް އެ ކުންފުނިން ވަނީ އެ މައްސަލަ އިސްތިއުނާފުކޮށްފައެވެ. ޕްލެޓްފޯމް ފަރަށް އެރި މައްސަލައިގައި ސަރުކާރުން ފިޔަވަޅު އެޅުން ލަސްވަމުން ދާތީ، ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔާފައި ވެސް ވެއެވެ.
އެފްކޯންސް އިން އަދިވެސް ޖޫރިމަނާއަށްވީ ފައިސާ ނުދައްކާތީ، އަދި އިސްތިއުނާފީ މައްސަލައިގައި އަދިވެސް މިނިސްޓްރީން ގޮތެއް ނިންމާފައި ނުވާތީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލުގެ ޖަވާބުގައި ޝައުނާ ވިދާޅުވީ، އެފްކޯންސް އިން އީޕީއޭގެ ނިންމުން އިސްތިއުނާފުކުރުމާ ގުޅިގެން، އެކަމުގައި ގާނޫނީ ރިވިއުއެއް ހަދާފައިވާ ކަމަށެވެ.
ޝައުނާ ވިދާޅުވި ގޮތުގައި މިހާރު އޮތީ މިނިވަން ޓެކްނިކަލް ރިވިއުއެއް ހެދުމުގެ މަރުހަލާގައެވެ. އޭނާ ވިދާޅުވި ގޮތުގައި، އެފްކޯންސްގެ ޖޫރިމަނާ މައާފްކުރުމުގެ ވިސްނުމެއް އޭނާގެ ވެސް، އަދި ސަރުކާރުގެ ވެސް ނެތެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެ މައްސަލައިގައި މިނިސްޓްރީން މިއަދާ ހަމައަށް އެއްވެސް އެއްޗެއް ބުނެފައެއް ނެތެވެ. މިނިސްޓްރީން އެއްވެސް އެއްޗެއް ނުބުނެ އޮތީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމުގެ ބޭނުމުގަތޯ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ސުވާލުކުރެއްވުމުން ޝައުނާ ވަނީ، ވަކި ބަޔަކަށް ފައިދާވާ ފަދަ ގޮތަކަށް ސަރުކާރުން އެއްވެސް ކަމެއް ނުނިންމާނެ ކަމަށް ވިދާޅުވެ، ކުރިން ދެއްކެވި ވާހަކަ ތަކުރާރުކުރައްވައިފައެވެ.