ތިލަމާލެ ބްރިޖް މަޝްރޫއު ހިންގާ ކުންފުނި އެފްކޮންސްގެ މައްޗަށް ކޮށްފައިވާ 69.4 މިލިއަން ރުފިޔާގެ ޖޫރިމަނާ ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
އެފްކޮންސް ޖޫރިމަނާކޮށްފައި ވަނީ ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތަށް އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ބޭނުން ކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާ ލިބުނު ގެއްލުންތަކުގެ ސަބަބުންނެވެ.
ޖޫރިމަނާގެ އަމުރު ބާތިލުކޮށް ދިނުމަށް ސިވިލްކޯޓަށް އެފްކޮންސްއިން ހުށަހެޅި މައްސަލަގާއި ބުނީ ޕްލެޓްފޯމް ފަރަށް އަރާފައި ވަނީ އެފްކޮންސްގެ އިހުމާލަކާއިނުލައި، އެފްކޮންސްގެ ކޮންޓްރޯލުން ބޭރުން ބާރުނުފޮރުވޭ ފަދަ ބޮޑެތި ރާޅުތަކެއް އެރުމުގެ ސަބަބުން ކަމަށެވެ. އަދި އެކަން އީޕީއޭގެ ރިޕޯޓުގައި ވެސް ބަޔާންކޮށްފައިވާ ކަމަށާއި އެފްކޮންސްއިން މަސައްކަތް ކޮށްފައިވަނީ ކަނޑައެޅިފައިވާ އިމުގެ ތެރެއިން ކަމަށެވެ.
އީޕީއޭގެ ރިޕޯޓުގައި އެފްކޮންސްގެ އިހުމާލެއް ބަޔާންކޮށްފައިނުވާ ކަމަށާއި އެފްކޮންސް ޖޫރިމަނާކޮށްފައި ވަނީ އީޕީއޭއިން ނިންމި ނިންމުމާ ގުޅިގެން އިތުރުކަމެއް ހުށަހަޅާނެ ފުރުސަތު ނުދީ ކަމަށް އެފްކޮންސްއިން ވަނީ ބުނެފައެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމާފައި ވަނީ ވަގުތީ އަމުރެއް ނެރެދޭންޖެހޭފަދަ "އާޖެންސީ"އެއް މި މައްސަލައިގައި ނެތް ކަމަށެވެ.
ސިވިލް ކޯޓުން ބުނީ ވަގުތީ އަމުރެއް ނުނެރެދީފިނަމަ ލިބޭނެ ހަމައެކަނި ގެއްލުމެއްގެ ގޮތުގައި އެފްކޮންސްއިން ބަޔާންކޮށްފައި ވަނީ އެ ކުންފުނީގެ ރެޕިއުޓޭޝަނަށް އައިސްދާނެ ގެއްލުން ކަމަށާއި ޖޫރިމަނާގެ ސަބަބުން ލިބިދާނެ ގެއްލުން ބުނެދެވިފައި ނުވާ ކަމަށެވެ.
މި މައްސަލައަކީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ވާވަތުގެ މައްސަލައެއްކަން ނުވަތަ އިންސާފު ގާއިމްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ބަޔާންކުރާ އެއްވެސް ސަބަބެއް އެ ކުންފުނިން ހުށަހަޅާފައި ނުވާ ކަމަށް ވެސް ސިވިލް ކޯޓުން ފާހަގަ ކުރެއެވެ.
ބުރިޖު ސާވޭގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމުގައި ނަގިލި ކަހާލައިގެން ވިލިމާލެ ފަރަށް އެރީ އޮގަސްޓު 16، 2022ގަ އެވެ. 12 ދުވަސް ވަންދެން އެ ޕްލެޓްފޯމް ފަރުމަތީ އޮތުމުގެ ސަބަބުން ފަރަށް ވަނީ ގެއްލުން ވެފައެވެ. އެފްކޯންސް އިން އޭރު ބުނީ، ޕްލެޓްފޯމް ފަރުން ނެގުން ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.