ރާއްޖޭގައި ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ދަށުން ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ނެވިގޭޝަން ސްޕެން ސެގްމަންޓް ހަދައިފިއެވެ.
މި ސެގްމެންޓް ބިނާކޮށްފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުގައެވެ. މި މައުލޫމާތު ހިއްސާ ކުރަމުން އިންޑިއާ ހައިކޮމިޝަން އިން ބުނީ، އެ ސެގްމަންޓްގެ ދިގު މިނުގައި 8.23 މީޓަރު އަދި ފުޅާ މިނުގައި 25.37 މީޓަރު ހުންނަ އިރު ބަރުދަނުގައި 216.04 މެޓްރިކް ޓަނު ހުންނާނެ ކަމަށެވެ.
ކޮންސްޓްރްކަޝަން މިނިސްޓަރު ޑރ. އަބދުﷲ މުއްތަލިބް ވިދާޅުވީ، މި މުހިންމު ކާމިޔާބީއާ އެކު، ދިވެހި ސަރުކާރުން އުންމީދު ކުރަނީ، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަޝްރޫއު ނިންމުމަށްޓަކައި މަސައްކަތްތައް ހަލުވިވެގެންދާނެ ކަމަށެވެ. އަދި މި ފުރުސަތުގައި ހައިކޮމިޝަނާ ބާލަސުބްރަމަނިއަމް ދެއްވާ އެއްބާރުލެއްވުން ފާހަގަ ކުރައްވައި އެކަމަށް ޝުކުރުވެސް އަދާ ކުރެއްވިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ މި ބްރިޖް މަޝްރޫއުގެ މަސައްކަތުގެ ތެރެއިން މިދިޔަ މާޗް މަހުގެ 15ގެ ނިޔަލަށް 52.44 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.
ނިމިދިޔަ ސަރުކާރުން ފެށި ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ލަސްވެ އެތައް ބައެއްގެ ޝަކުވާތައް ކުރަމުން ދިޔަ އިރު، ނޮވެމްބަރު 16، 2023 ގައި ނިމިދިޔަ ސަރުކާރުން ވަނީ އެފްކޯންސް ކުންފުންޏާ އެކު ސަޕްލިމަންޓަރީ ބަޖެޓެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުން ދައްކާ ގޮތުގައި މުޅި ބްރިޖްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބުނާ ތާރީހަކީ ސެޕްޓެމްބަރު 30، 2026 ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ މަސައްކަތް މިހާރު ނިންމަން ހަމަޖެހިފައި ވަނީ މާލެއިން ގުޅިފަޅަށް ދާ ސެގްމަންޓެވެ. އެބައި ނިންމާލެވޭނެ ތާރީހަކީ މާޗް 31، 2026 ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.
120 އަހަރުގެ އުމުރުގެ މި ބްރިޖު ނިންމުމަށް ދީފައިވާ ފަހުގެ މުއްދަތުގެ ކުރިން ވެސް މަސައްކަތް ނިންމާލެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަން ހާމަކުރައްވަމުން މުއްތަލިބް ވިދާޅުވީ، އެފްކޯންސްގެ ފަރާތުން ބޭނުންވާ މެޝިނަރީޒްތަކާއި އުޅަނދުތައް މިހާރު ރާއްޖެއަށް ގެނެސްފައިވާ ކަމަށާއި މަސައްކަތް ދަނީ ވަރަށް ބާރުގައި ކުރިއަށް ކަމަށެވެ.
އެފްކޯންސް ކުންފުނިން ރާއްޖޭގައި ހިންގާ ބްރިޖް މަޝްރޫއުގެ ދަށުން 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއެއް ހަދާ އިރު، މި މަޝްރޫއަުގެ ކޮންޓްރެކްޓަށް ހަވާލުކޮށްފައި ވަނީ 500.20 މިލިއަން ޑޮލަރަށެވެ. މިހާތަނަށް އެ އަދަދުގެ 37.33 ޕަސެންޓަށް ވާ 186.72 މިލިއަން ޑޮލަރު ސަރުކާރުން ވަނީ އެފްކޯންސްއަށް ދައްކާފައި ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެހެންކަމުން ދެން ބާކީ ދައްކަން ޖެހޭ އަދަދީ 313.48 ޑޮލަރެވެ.
މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، ތިލަ ހިސާބުތަކުގައި އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.