ތިލަމާލެ ބްރިޖް މަޝްރޫއު ހިންގާ ކުންފުނި ކަމަށްވާ އެފްކޮންސްގެ މައްޗަށް ކޮށްފައިވާ ޖޫރިމަނާ މުއްދަތު ހަމަވިއިރުވެސް ދައްކާފައި ނުވާތީ އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީން މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

ބުރިޖު ސާވޭގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމުގައި ނަގިލި ކަހާލައިގެން ވިލިމާލެ ފަރަށް އެރީ އޮގަސްޓު 16، 2022ގަ އެވެ. އެ މައްސަލައިގައި އެ ކުންފުނި 69.4 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް 30 ދުވަހުން ދައްކަން އެންގި ނަމަވެސް އެ ފައިސާ ދައްކާފައި ނުވެއެވެ. އޭގެ ފަހުން އިތުރަށް ދިން މުއްދަތު ނޮވެމްބަރު 15، 2023 ގައި ހަމަވި ނަމަވެސް ފައިސާ ދައްކާފައި ނުވާ ކަމަށް އީޕީއޭއިން ބުނެއެވެ.

އެ މައްސަލަ އެފްކޮންސްގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި ނަމަވެސް ލުއިދީފައި ނުވާއިރު، އެފްކޮންސް އިން ވަނީ ޖޫރިމަނާގެ އަމުރު ބާތިލުކޮށް ދިނުމަށް ސިވިލްކޯޓަށް މައްސަލަވެސް ހުށަހަޅާފައެވެ. ނަމަވެސް ސިވިލް ކޯޓުން ޖޫރިމަނާ ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދީފައި ނުވެއެވެ.

ތިލަ މާލެ ބްރިޖް އަޅަން ޖަހާފައި ހުރި ޕްލެޓްފޯމެއް ވިލިމާލެ ފަރުމައްޗަށް އަރާފައި/ ފޮޓޯ: ދަ ޕްރެސް

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ އޮފިޝަލަކު ވިދާޅުވީ ޖޫރިމަނާ ނުދައްކާ މައްސަލަތަކުގައި މީގެ ކުރިންވެސް އަމަލު ކުރަމުންދަނީ މައްސަލަ ކޯޓަށް ހުށަހަޅައިގެން ކަމަށާއި އެ އުސޫލުން އެފްކޮންސްގެ މައްސަލަވެސް ކޯޓަށް ހުށަހެޅުމަށް ތައްޔާރު ވަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ހުށަހަޅާނެ ވަކި ތާރީހެއް އީޕީއޭއިން ހިއްސާ ކޮށްފައި ނުވެއެވެ.

ބުރިޖު ސާވޭގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމު 12 ދުވަސް ވަންދެން ފަރުމަތީ އޮތުމުގެ ސަބަބުން ފަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެފްކޯންސް އިން އޭރު ބުނީ، ޕްލެޓްފޯމް ފަރުން ނެގުން ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.