ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ކޮންމެ އަހަރަކު ވެސް ބާއްވަމުންދާ ބައިބަލާ މުބާރާތުގެ އޮފިޝަލް ޕާޓްނަރަކަށް އާބަންކޯއިން އިން ސޮއިކޮށްފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރިއަށް ގެންދާ މިއަހަރުގެ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. މި މުބާރަތުގައި ޖުމްލަ 35 ޓީމަކުން ބައިވެރިވާއިރު މި ބައިބަލާ ޗެލެންޖު ކުރިއަށްދާނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

އާބަން ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރަމުން އަންނަ އިރު އާބަންކޯއިން މަސައްކަތްކުރަމުން އަންނަނީ ރާއްޖޭގައި ކުޅޭ މިފަދަ ހުރިހާ ކުޅިވަރަކަށް ވެސް ފުރުސަތު ލިބޭނެ ތަނަކަށް ހުޅުމާލެ ހެދުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ބައިބަލާ މުބާރާތް ހުޅުމާލޭގައި ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.

ބައިބަލާ މުބާރާތުގެ އޮފިޝިއަލް ޕާޓްނަރަކަށް އާބަންކޯ ހަމަޖައްސައި އެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސާ ޝާތިރު އަބްދުއްރަހުމާނެވެ. އަދި ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކެޓްރީ އަލީ ސައީދެވެ.

މިދިޔަ އަހަރު ބޭއްވި ބައިބަލާ މުބާރާތުގައި 34 ޓީމުން 1000 އަށް ވުރެ ގިނަ ޒުވާނުން ވަނީ ބައިވެރިވެފައެވެ.